ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރިކަން ބޮޑު އާޔަތަކީ އާޔަތުލްކުރުސިއެވެ. ނަމާދުގައި ކިޔަވާ ސޫރަތުލްފާތިޙާގެ އިތުރުން އެންމެ ގިނައިން ކިޔެވޭ އާޔަތަކީ އާޔަތުލްކުރުސިއެވެ. ކޮންމެ ފަރުޟް ނަމާދަކަށްފަހު ކިޔަވަމުއެވެ. ދެއިރުގެ ޛިކުރުތަކުގެ ތެރޭގައި ހިމަނައިގެން ކިޔަވަމުއެވެ. ނިދުމުގެ ކުރިންވެސް ކިޔަވަމުއެވެ. ވީމާ އާޔަތުލްކުރުސިޢާއިބެހޭގޮތުން ވީހާ ގިނަ މަޢުލޫމާތު އެނގުމަކީ ވަރަށް މުހިންމު ކަމަކަށްވާތީ ހަނދުމަކޮށްލައިދޭނަމެވެ. އިން ޝާ ﷲ
މިއާޔަތުގައި 10 ޖުމްލަ ހިމެނެއެވެ. މި آية ގައި الله ފިޔަވައި އެހެން އިލާހަކު ވޮޑިގެން ނުވާކަން އަންގަވައި ދެއްވުމަށްފަހު ދެން ބަޔާން ކުރައްވާފައިވަނީ الله ގެ ސިފަފުޅުގެ ތެރެއިން مهمُّ ދެސިފަފުޅެކެވެ. އެއްކައުވަންތަ ކަން ބަޔާންކޮށް ދެއްވުމަށްފަހު ގެންނަވާފައިވާ ދެސިފަފުޅަކީ ދިރި ދެމިވޮޑިގެންވުމާއި ދާއިމަށް قائم ވެ ވޮޑިގެންވުމެވެ. حياة އާއި قَيُّومِيّة އެވެ. މިކަމުގެ ސަބަބުން އިންސާނާގެ ހުރިހާ ކަމެއް މިލްކުވެ ވޮޑިގެންވާ ކަލާނގެ އަކީ ދިރިދެމިވޮޑިގެންވާ ހުރިހާ ކަމެއް ފުރިހަމައަށް ކުރެއްވުމުގައި قائم ވެ ވޮޑިގެންވާ ފަރާތެއްކަން އެނގި އެއިންސާނާގެ ހިތަށް ހަމަޖެހުމާއި އަމާންކަން ވަދެގެން ދެއެވެ.
الله سبحانه وتعالى ގެ ދިރިދެމިވޮޑިގަތުމަކީ، އެއަށް ފެށުމެއް އަދި ނިމުމެއް ނެތް ދާއިމީ ސިފަފުޅެކެވެ. އެހެނީ ޒަމާނާއި ވަގުތު ހެއްދެވީ އެކަލާނގެ އެވެ. الله سبحانه وتعالى ހުރިހާ އެއްޗެއް ރައްކައުތެރި ކުރެއްވުމުގައި ހުރިހާ އެއްޗެއްކުރާ ހުރިހާ ކަމެއް ބައްލަވައި ވޮޑިގަތުމުގައި قائم ވެ ވޮޑިގަންނަވައެވެ. قَيُّومِيَّة އަށް އެއްވެސް އުނިކަމެއް ނުފޯރައެވެ. އަވަހާރަފުޅު އައުމާއި އަވަހާރަފުޅު ލެއްޕެވުމުން އެކަލާނގެ ހުސް طاهر ވެ ވޮޑިގެންވެއެވެ. ދުނިޔޭގައިވާ ހުރިހާ އެއްޗެއް قائم ވެގެން ވަނީ، الله ގެ قَيُّوْمِيَّة ންނެވެ. އެކަލާނގެ ވޮޑިގެންވާ ވޮޑިގެންވުމުގެ މަތީގައެވެ.
الله سبحانه وتعالىގެ ސިފަފުޅުތަކަކީ އެކަލާނގެ އަންގަވާފައިވާ ގޮތުގެ މަތިން "لَيْسَ كَمِثْلِهِ شَيْئٌ" އެހެން އެއްވެސް އެއްޗަކާ އެއްފަދަކަމެއް ހުރި އެއްޗެއް ނޫނެވެ. ވީމާ އަޅުގަނޑުމެންގެ ސިފަތަކާ އެކަލާނގެ ސިފަފުޅުތައް މުޅިން ތަފާތެވެ.
އެއްކައުވަންތަ ކަލާނގެއަކީ، الله ކަމުގައި ވާއިރު އެކަލާނގެއީ އެހެން ހުރިހާ ސިފަފުޅުތަކެއް ގައިވެސް ހަމަ އެއްކައުވަންތަ ކަލާނގެއެވެ. އެކަލާނގެ މިލްކުވެރިކަމަކީ، شَامِلُ مُطْلَقَ މިލްކުވެރިކަމެކެވެ. އެކަލާނގެ މިލްކުވެރިކަމަކީ މިލްކުވެގެންވާ މިލްކިއްޔަތެކެވެ. އެކަމަކު އަޅުގަނޑުމެންގެ މިލްކިއްޔަތަކީ ފައިދާ ލިބިގަތުމުގެ މިލްކިއްޔަތެކެވެ. އެއީ ޙަވާލްދާރީ އެކެވެ. އަޅުގަނޑުމެން އެ ބެލެހެއްޓުމާ ޙަވާލުވެފައިވާތީ އެކަލާނގެ އެންގެވި ގޮތެއްގެ މަތިން އެއިން ހޭދަކުރަން ޖެހެއެވެ.
މި آية ގައި މާތް الله ބަޔާން ކޮށްދެއްވާފައިވާ ކަމަކީ އެންމެންގެ ހަމަހަމަ ކަމެވެ. الله ގެ حضرة ގައި އެންމެންނަކީ އެކަލާނގެ އަޅުންނެވެ. އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ލިބިގެނެއް ނުވެއެވެ.
މީސްތަކުންނަކީ އެއްބަޔަކު އަނެއްބަޔަކާއި ނިސްބަތްކުރާ އިރު އެކަކަށްވުރެ އަނެކަކު މޮޅުވެދާނެ ބައެކެވެ. އެއްބަޔަކު އަނެއްބަޔަކީ އެމީހުންގެ ޢަމަލު ތަކުގެ ސަބަބުން الله ގެ ميزان ގައި ވެސް އެކަކަށްވުރެ އަނެކަކު މޮޅުވެދާނެ ބައެކެވެ. ނަމަވެސް އެންމެންނަށްވެސް އެކަމުގައި ވަކި حدّ އެއް ވެއެވެ. الله ގެ إذن ފުޅާއި ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވެވޭނެ އަދި شفاعة ތެރި ވާން ކެރޭނެ ހަމަ އެކަކުވެސް ނުވެއެވެ. އެކަލާނގެ އަމުރުފުޅު ދެއްވުމުން މެނުވީ އެއްޗެއް ދަންނަވަން ކެރޭނެ ހަމަ އެކަކުވެސް ނެތެވެ. މިކަން ބަޔާންކޮށް ދެއްވުމުގެ ގޮތުން وحى ކުރައްވަނީ مَنْ ذَاالَّذِى يَشْفَعُ عِنْدَهُ إلاَّبِإِذْنهِ އެކަލާނގެ إذن ފުޅާނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނެ މީހަކީ ކާކުހެއްޔެވެ. (އެބަހީ އެފަދަ މީހަކު ނެތެވެ.)
މިއާޔަތުގައި الله ގެ علم ފުޅާއި ދެނެވޮޑިގަތުމާ ބެހޭ ގޮތުން އައިސްފައިވާ ބަސްފުޅު ތަކާމެދު، ނިކަން ވިސްނާ ވަޑައިގެން ބައްލަވާށެވެ. އެކަލާނގެ މާތްކަމާއި މަތިވެރި ކަމުގެ ކުރިމަތީގައި އެއްވެސް މީހަކަށް ބޮޑާވެގަނެގެން ކަމެއްވާކަށް ނެތެވެ. ހެއްލުންތެރި ވެގެން ދެވޭކަށް ނެތެވެ. الله ގެ ރުހިވޮޑި ގަތުން ދުނިޔޭގައި ލިބިގެން މެނުވީ آخرة ބާއްޖަވެރި ކުރެވެން ނެތްކަން މި آية ން يقين ވެއެވެ. الله ގެ ރުހިވޮޑިގަތުން ނުލިބި شفاعة ތެރި ވެވޭނެތޯއެވެ؟
- "އަލްމިންބަރު" މަޖައްލާއިން