އެއީ ޢުމުރުން 80 އަހަރުވެފައިވާ މަންމައެކެވެ. ތިބީ 3 ދަރިންނެވެ. 3 ދަރިން ގެއަށް ގެނެސްފައި މަންމަ ބުންޏެވެ. "ބައްޕަ ނިޔާވީންސުރެ މަންމަ މިއިންނަނީ އެކަންޏެވެ. އެކަމަކު މިހާރު އެކަނި އިންނަން އެބަ ބިރުގަނެއެވެ. ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަން ހިތަށްއަރާލެއް ބޮޑުކަމުންނެވެ. އެހެންވެ މަންމަ އެދެނީ ކޮންމެވެސް އެއް ދަރިއަކު އަހުރެންނާއިއެކުގައި މިގޭގައި ނިކަން އުލެދީބަލާށެވެ! 3 ދަރިންގެ ޢާއިލާއަށް އެކުގައި އުޅެވޭނެ ޖާގަ މިގޭގައި ނެތަސް އެއްަދރިއަކަށް ޢާއިލާ ގޮވައިގެން މިގޭގައި އުޅެވިދާނެއެވެ."
މަންމްގެ ވާހަކަ އަޑުއިވުމުން އެއްވެސް ދަރިއަކަށް އަސަރެއް ކުރިކަމަކަށް ނުވިއެވެ. މަންމަ ބަލައިދޭން ގެއަށް ބަދަލުވާން އެއްވެސް ކުއްޖަކު އެއްބަސްނުވެ 3 ބެއިންވެސް ގެއިން ނުކުމެގެން ދިއައީއެވެ.
އެމަންމަގެ ގާތުގައި ހުންނަނީ ކުޑައިރުންސުރެ ގެންގުޅޭ ޢުމުރުން 10 ވަރަކަށް އަހަރުގެ މާމަދަރިފުޅު އެކަންޏެވެ. އެކުއްޖާ ބުންޏެވެ. "މާމާއެވެ. ދެރަނުވާށެވެ! އަހުރެން މާމަބަލާނަމެވެ."
އެއިގެފަހުން އެއްވެސް ދަރިއަކު ގެއަކަށް ނައުދެއެވެ. އަހަރެއްހައި ދުވަސްފަހުން މާމަ ހުންއައިސް ބަލިވުމުން އެކުއްޖާ 3 ބެއިންނަށް މެސެޖެއް ފޮނުވިއެވެ. "އަވަހަށް އަންނާށެވެ! މާމަ ަމރުވެއްޖެއެވެ!"
މެސެޖްފޮނުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި 3 ބެއިން އެކުގައި ގެއަށް އައިސް ބެލިއިރު މަންމަ އަދި މަރެއް ނުވެއެވެ. މަންމަ މަރުނުވަނީސް އެގޮތަށް މެސެޖްކުރީ ކީއްވެގެންތޯ ކުއްޖާއާއި ސުވާލުކުރުމުން ޖަވާބުދިނީ މަންމައެވެ. "ދަރިންނޭވެ! އެދަރިފުޅު އެކުރިކަމަކީ މަންމް މަރުވުމުގެ ކުރިން 3 ދަރިން ގެއަށް ގެނުވައި މަންމަގެ ލޮލަށް ދައްކާލައިދިނީއެވެ. އެކަންކުރީ އޭނާގެ އަމިއްލަ ވިސްނުމުންނެވެ. އެކުއްޖާ އެކަން ނުކުރިނަމަ ތިއަ ދަރިން އަންނާނީ މަންމަ މަރުވީމައިކަން މިއޮތީ އެނގިފައެވެ. އެއރުން ހަމަޤައިމުވެސް މަންމައަކަށް ތިއަދަރިންނެއް ނުފެންނާނެ ނޫންހެއްޔެވެ؟"
3 ދަރިންވެސް އެމީހުންނަށް ކަންތައްކުރެވުނުގޮތާއިމެދު ވަރަށް ދެރަވިއެވެ. އަދި އެދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް 3 ދަރިންވެސް މަންމައަށް ޒިޔާރަތްކޮށް ޙާލުބަލަން އެއްބަސްވިއެވެ.
މިއީ އަހުރެނބް ބެލި ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. މިއީ ކޮންމެ ގޮތަކަށް ކުޅެފައި އޮތް ވީޑިއޯއެއް ނަމަވެސް މިމެސެޖަކީ ވަރަށް މުހިންމު މެސެޖެކެވެ. އެމަންމައަށް ޖެހުނު ޙާލުގައި އުޅެންޖެހިފައިވާ މައިންބަފައިން ވަރަށް ގިނައެވެ. އެމަންމަ އެބުނި ފަދައިން މަރުވިކަން އެނގުމުން ކިތަންމެ ބާރަށް އަޔަސް މަންމައަކަށް ދަރިންނެއް ނުފެންނާނެއެވެ. އަދި ދިރިހުއްޓައި އަޅާލައި އެހީތެރިވިކަމަކަށްވެސް ނުވާނެއެވެ!
- މިއަދުނޫހުގެ ކިޔުންތެރިއެއް