ލިބޭ މިންވަރުން ދަރިންނަށް ޚަރަދުނުކުރާނަމަ ޚިޔާނާތްތެރިވިކަމުގެ ފާފަވެސް ބޮލުގަ އަޅަންޖެހޭނެ! އެއީ ކުޑަކުޑަ ކަމަކަށް ވާނެކަމަށް ހީވެސް ނުކުރާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ލިބޭ މިންވަރުން ދަރިންނަށް ޚަރަދުނުކުރާނަމަ ޚިޔާނާތްތެރިވިކަމުގެ ފާފަވެސް ބޮލުގަ އަޅަންޖެހޭނެ! އެއީ ކުޑަކުޑަ ކަމަކަށް ވާނެކަމަށް ހީވެސް ނުކުރާތި!

އަޅުގަނޑަކީ ރަށެއްގައި ވަރަށް ނިކަމެތި ޙާލުގައި އުޅެމުން އައި އަންހެނަކީމެވެ. މަންމަގެ ހުރި ހަމައެކަނި ދަރިއަކީ އަޅުގަނޑެވެ. މަންމަ އަކީ މުސްކުޅިއެކެވެ. ރަށަށް މަސައްކަތެއް ކުރަން އައި މީހެއްގެ ބަސް ޤަބޫލުކުރެވި އޭނާ އާއި ކައިވެނިކުރީ މަންމަ އާއި އަޅުގަނޑު ބަލަހައްޓައިދޭނެ ކަމަށް އެތައް ފަަހރަކު ހުވާކުރީމައެވެ.  

ކައިވެނިކޮށްގެން ގެންދިއައީ އޭނާގެ ރަށަށެވެ. ދެރަށް ވަރަށް ގާތުގައި އޮތުމުން މަންމަގެ ރުހުމާއިވެސް އެކުގައެވެ. ކައިވެންޏަށް 6 އަހަރުވީއިރު 3 ދަރިން ވަނީ ލިބިފައެވެ. 6 އަހަރު ވީތަނާ ވަރިކޮށްފައި ގެނެސް ރަށަށް ލައިފިއެވެ. ދަރިންނަކަށް އެއްވެސް ޚަރަދެއް ނުކުރެއެވެ. ލިބޭ ހުރިހާ ފައިސާއެއް ކަރަދުކުރަނީ މިހާރުގެ އަނބިމީހާއަށެވެ.  

އެކަނިވެރި މައެއްގެ ގޮތުގައި އިންނާތީ ލިބޭ ޢިނާޔަތުގެ ލާރިކޮޅު މަހުގެ މެދަށް ނާރަނީސް ހުސްވެއެވެ. ދެން ތިބެން ޖެހެނީ ނުކައި ކަމަށް ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހައިވެސް ދަތިޙާލުގައި އުޅެންޖެހޭތީއެވެ.  

އަޅުގަނޑުގެ ސުވާލަކީ އެއީ ދީނުގައި ހުއްދަ ގޮތެއްތޯއެވެ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަފަދަ ފިރިންގެ މައްސަލަތަކުގައި ކިޔުންތެރިން ވަރަށް ގިނައިން ސުވާލުކުރެއެވެ. ތިރީގައިވާ ސުވާލާއި ޖަވާބުން ކިޔުންތެރިޔާގެ ސުވާލަށްވެސް ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. ނަޞީޙަތުގެ ގޮތުން ބުނެލަން އޮތީވެސް ހަމަ އެއް ވާހަކައެކެވެ.   

އަޅުގަނޑަކީ 5 ދަރިންގެ މަންމައެކެވެ. ކައިވެންޏަށް 20 އަހަރުގައި ފިރިމީހާ އަޅުގަނޑު ވަރިކޮށްލާފައި ދެވަނަ ކައިވެނިކޮށްފިއެވެ. ފިރިމީހާއަކީ ތަނަވަސް މީހެއް ނޫނެވެ. ލިބޭ އާދައިގެ މުސާރަކުން ޚަރަދުތައް ހަމަޖައްސަމުން އަންނަ މީހެކެވެ.

މިހާރުވާގޮތަކީ މިހާރުގެ އަނބިމީހާއަށް ޚަރަދުކޮށްފައި ދަރިންނަށް ޚަރަދުކުރާނެ ފައިސާއެއް އަތަކު ނުހުރެއެވެ. އެހެންވެ ހުންނަނީ ރުޅިގަދަވެފައެވެ. ޙާލަކުން ފަހަރަކު ގުޅާލާފައިވެސް ފުރަތަމަވެސް ދައްކާނީ މިމަހު ދަރިންނަށް މިހައި ޚަރަދުކުރެވިއްޖެކަމުގެ ކަމުގެ ވާހަކައެވެ.  

އެބާވަތުގެ ވާހަކަ ދައްކާއިރު ވަރިކުރީންސުރެ ދަރިންނަށާއި ގެއަށް ޚުރަންޖެހޭ ޚަރަދުގެ ދެބައިކުޅައެއްބައަށްވުރެ ގިނައިން ޚަރަދުކޮށްދެނީ އަޅުގަނޑުގެ ބޭބެއެވެ. ބޭބެ އެކަންކޮށްލައި ނުދޭނަމަ ތިބެންޖެހޭނީ ނުކައެވެ.  

ފިރިމީހާއަށް ލިބޭ މުސާރައިން ދެކޮޅު ނުޖެހޭކަން ކައިވެނިކޮށްގެން އުޅުނުއިރުވެސް އޭނާއަށް އެނގޭނެއެވެ. ވީމާ ދެވަނަ ދިރިއުޅުމެއް އެފެށީ ދަރިންކޮޅު ނިކަމެތިވާނެކަން އެނގިހުރެއެވެ.  

އޭނާއަށް ލިބޭ މިންވަރު މަދުވެގެން ދުވަހަކުވެސް ޝަކުވާއެއް ނުކުރަމެވެ. މިހާރަކުވެސް ޝަކުވާއެއް ނުކުރަމެވެ. އަޅުގަނޑު ބޭނުންވަނީ ސުވާލެއް ކޮށްލާށެވެ. އެސުވާލަކީ އޭނާއަށް މިހާރުވެސް ލިބޭ މިންވަރުން ދަރިންނަށް ޙައްޤުވާވަރަށް ޚަރަދުނުކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނެލަން އޮތީ ﷲ ތަޢާލާ ދެއްވެވި ދަރިންނަށް ޚަރަދުކޮށް ބެލެހެއްޓުމަށްވުރެ ވަކިން ބޮޑު މަސްއޫލިއްޔަތެއް ބައްޕައިންނަކަށް ނެތެވެ. އަދި ލިބޭ ދަރިންނަށް ޚަރަދުކުރަނީ ތިބާގެ އަމިއްލަ ފައިސާ ކަމަށް ހީނުކުރާށެވެ! ﷲ ތަޢާލާ ހަމައެކަނި ދަރިން ދެއްވަވަނީއެއް ނޫނެވެ. ދަރިންނާއިއެކު ދަރިންގެ ރިޒްޤް ވެސް ﷲ ތަޢާލާ ޙަވާލުކުރައްވަވަތެވެ. އެފައިސާ ރަނގަޅު ގޮތުގައި ދަރިންނަށް ހޭދަ ނުކުރުމަކީ އަމާނާތަށް ޚިޔާނާތްތެރިވުމެވެ.  

ކަންކަން ހުރީ ކިޔުންތެރިޔާ ތިއަބުނާ ޙާލުގައިކަން އެނގިހުރެ، ދަރިންނަށް އެހީތެރިނުވެވޭނެގޮތަށް ދިރިއުޅުން ބަދަލުކޮށް އޭނާގެ އަތްމައްޗަށް ﷲ ތަޢާލާ ދެއްވަވާ ފައިސާ، ދަރިންނަށް ޚަރަދުނުކޮށް އޭނާގެ އުފަލަށްޓަކައި ޚަރަދުކުރާނަމަ އޭނާއަށް ޢަމަލުއެކުރެވެނީ ދީނުގައި އޮތްގޮތަކަށް ނޫނެވެ.  

ކިޔުންތެރިޔާ މާޔޫސްނުވާށެވެ! ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ! ދަމުނަމާދުކުރާށެވެ! ދުޢާކުރާށެވެ! މާއުފާވެރި ދިރިއުޅުމެއް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

 

 

މިއަދު އޮންލައިން