ޢާއިލާގެ މީހުން ދިރިއުޅޭ ގޭތެރެއިން އިރުއިރުކޮޅުން ބައްދަލުވިޔަސް ސަލާމް ގޮވަން އަވަސްވެގަތުމުގެ ހުރި ފައިދާ އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ޢާއިލާގެ މީހުން ދިރިއުޅޭ ގޭތެރެއިން އިރުއިރުކޮޅުން ބައްދަލުވިޔަސް ސަލާމް ގޮވަން އަވަސްވެގަތުމުގެ ހުރި ފައިދާ އެނގޭތަ؟

ފަށާނީވެސް ސުވާލަކުންނެވެ. ޢުމުރު ދިގުވާން ބޭނުން ހެއްޔެވެ؟ ރިޒުޤް ތަނަވަސްވާން ބޭނުންވޭ ހެއްޔެވެ؟ އެދެކަންތަކަށް ބޭނުން ނުވާނެ މީހަކު ނުހުންނާނެއެވެ. އަވަހަށް މަރުވުމަށާއި ކާންބޯން ނުލިބި ދަތިޙާލުގައި އުޅެން ބޭނުންނުވާނެ މީހަކު ހުންނާނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ. ވީމާ ވިސްނާށެވެ! މިބުނެދެނީ ސަލާމްކުރުމުން ލިބޭ ޘަވާބުގެ އިތުރުން މިދެކަންތަކަށްވެސް ކުރަން އޮތް ޢަމަލެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކިތަންމެ ގިނައިން ބައްދަލުވި ނަމަވެސް އެކަކު އަނެކަކަށް ސަލާމް ކުރާށެވެ! ދިރިއުޅޭ ގޭތެރެއިން އެކަކު އަނެކަކާއި ބައްދަލުވި ނަމަވެސް ސަލާމްކުރާށެވެ. ކިތަންމެ ގިނައިން ބައްދަލުވި ނަމަވެސް ސަލާމްކުރާށެވެ. އެކަމުން ލިބެން އޮތް ޘަވާބު ލިބިގަންނާށެވެ!  

ހިތް ހަމަނުޖެހޭ ކަމެއް ހިނގާފައި އޮތް ނަމަވެސް މާފުކޮށްލަން އަވަސްވެގަންނާށެވެ! ބޮޑު ސަވާބާ ގިނަ ސަވާބު ލިބޭނީ މާފުކުރުމުގައި އަވަސްވެގަތް މީހަކަށެވެ. އެކަކު އަނެކަކަށް ހިތްހެޔޮކޮށް ގިނަގިނައިން ސަލާމްކުރުމަކީ  ރަޙިމުގެ ގުޅުން އައުކޮށް ތާޒާކުރެވޭ ކަމެކެވެ.   

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ވީހައި ދިގު އުމުރެއް ދެއްވެވުމެވެ. ހަމައެއާއިއެކު ދެން އެދޭނީ ރިޒުޤް ތަނަވަސްވެފައިވުމަށެވެ. މި ދެކަންތައް ޙާޞިލުކުރުމަށް އޮތީ އެއް ތަޅުދަނޑިއެކެވެ. އެއީ ރަޙިމުގެ ގުޅުން ބަދަހިކުރުމެވެ. ރަހިމުގެ ގުޅުން ބަދަހި ކުރުމަކީ ރިޒްޤް ތަނަވަސް ކޮށްދެއްވަވައި އަދި އެމީހެއްގެ އުމުރު ދިގުކޮށްދެއްވަވާ ކަމެއް ކަމަށް ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.  

ހަމަ އެއާއިއެކު ރަޙިމުގެ ގުޅުން ކެނޑުމުގެ ހުރިނުބައި ކަމާއި އެކަށް ކަނޑައަޅުއްވަވާފައިވާ ގަދަފަދަ ޢަޛާބު ﷲ ތަޢާލާ ވަނީ ވަހީ ކުރައްވަވައިފައެވެ. 

"އަދި اﷲ އަށް ޢަހްދު ކަށަވަރުކުރުމަށްފަހު، އެ ޢަހްދު  އުވާލައި، އަދި ގުޅިފައިވުމަށް ﷲ އަމުރު ކުރައްވާފައިވާ ގުޅުންތައް ކަނޑާލައި، އަދި ބިމުގައި ފަސާދަކުރާ މީހުންނާމެދު (ދަންނާށެވެ!) އެއުރެންނަށް ލަޢްނަތް  ހުށްޓެވެ. އަދި އާޚިރަތް ދުވަހުން އެއުރެންނަށް ނުބައިވެގެންވާ ގޮވަތި ހުށްޓެވެ." (އައްރަޢްދު: 25)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން