ދައްކަން މިއުޅެނީ ދަތިޙާލެއްގައިވާ މީހަކަށް އެހީތެރުވުމުގެ ވާހަކައެއް ނޫނެވެ. މިދައްކަނީ އެހެން މީހުންގެ ކުރާ ކަންކަމަށް ވިސްނަން ހަދައިގެން ތިމާކުރަންޖެހޭ ކަންކަމަށް ހުރަސްއެޅޭވާހަކައެވެ. އެކަމުން ނުކުންނަ ނަތީޖާގެ ވާހަކައެވެ.
ދުނިޔެ އާއި އާޚިރަތް ކާމިޔާބުކުރަން ބޭނުން ނަމަ އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ދެ ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ކުރަން އުޅޭ ކަންކަމަށް ދޭން ޖެހޭ ސަމާލުކަން ދިނުމާއި އާޚިރަތުގައި ފައިދާ ނުކުރާނެ އެއްވެސް ކަމެއް ނުކުރުމެވެ. ދުވަނަ ކަމަކީ ދުލުން ބުނާ ބަސްތަކަށް ފަރުވާތެރިވުމެވެ.
އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ދުވާލަކު 6 ގަޑިއިރާއި 8 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައި ނިދައި އުޅޭ ބައެކެވެ. ވީމާ ދުވާލުގެ 24 ގަޑިއިރުގެ ތެރެއިން ހޭލައި ހުރެވެނީ 17 ގަޑިއިރު ކަމަށް ބަލާށެވެ! އެ 17 ގަޑިއިރުގެ ތެރެއިން ގިނަ ވަގުތުތަކުގައި ތިމާގެ ވިސްނުން ބޭކާރު ކަންކަމުގައި ހޭދަކުރީމާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެހެން ނުހަދާށެވެ! ތިމާއަށް ފައިދާހުރި ކަންކަމަށް ވިސްނަން ނޫނީ ވަގުތު ހޭދަނުކުރާށެވެ!
ތިމާ އާއި އެއްވެސް ގުޅުމެއް ނެތް ކަންކަމަށް ވިސްނައި އަދި ތިމާއަށް ފައިދާ ނުކުރާނެ ކަންކަމަށް ވިސްނަން ވަގުތު ހޭދަކުރުމަކީ ވަގުތު އިސްރާފް ކުރުމެވެ. ވަގުތު އިސްރާފް ކުރުމަކީވެސް ފާފައެކެވެ.
ދުނިޔޭގައި އުޅެން ލިބޭނީ ކިހައި ދުވަހެއްކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ވީއިރު މި ކުރު މުއްދަތުގެ ގިނަ ވަގުތުތައް ބޭކާރުކޮށްފިނަމަ އާޚިރަތް ހޯދޭނީ ކިހިނަކުން ހެއްޔެވެ؟ އެވެނި މީހާ ކުރި މިވެނި ކަންތަކާއި ތިމާ އާއި އެއްވެސް ގުޅުމެއް ނެތް ނަމަ އެކަމާއިމެދު ވިސްނަންވީ ވެސް ކީއްކުރަން ހެއްޔެވެ؟ އެމީހާއަށް އެކަން ދޫކޮށްލާށެވެ!
ގިނަ ބައެއްގެ ޙަޔާތް ނުވަތަ ދިރިއުޅުން ފޭލިވަނީވެސް އެހެން މީހުންގެ ކަންކަމާއި ބެހެން ހަދައިގެންނެވެ. ތިމާއަށް ފައިދާކުރާނެ ކަންކަމަށްވުރެ އެހެން މީހުންގެ ކަންކަމަށް ވިސްނަން ހަދައިގެންނެވެ. އެކަމަށް ހޭދަކުރާ ވަގުތު ގިނަވުމުން ތިމާ ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ވަގުތު ނުދެވުމުގެ ސަބަބުންނެވެ.
ވަގުތަކީ އަޅުކަމުގެ ބައެއް ކަމަށް ބުނެވިދާނެއެވެ. އެއީ އަޅުކަން ކުރެވޭނީ ވަގުތު ހޭދަކޮށްގެން ކަމުގައިވާތީއެވެ! ވީމާ ވަގުތާއި އަޅުކަމާއި ވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ! އިރު އޮއްސިއްޖެ ނަމަ އެދުވަސް އަނބުރައި ނުލިބޭނެ ކަމަށް ވިސްނައިގެން މަސައްކަތް ކުރަމުން ގެންދާށެވެ! މާނައަކީ ކޮންމެ ދުވަހަކީ ވީހައި ގިނައިން ހެޔޮ އަމަލުކުރާ ދުވަހަކަށް ހެދުމަށް ގަދައަޅައި މަސައްކަތްކޮށްގެން ނޫނީ އާޚިރަތެއް ނުހޯދޭނެއެވެ! އާޚީރަތް ނުހޯދޭ މީހާއަކީ އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ މީހާއެވެ. އެންމެ ބޮޑު އަބާއްޖަވެރިޔާއެވެ.!
--މުފްތީ މެންކުގެ ދަރުސަކުން