ގުޅީފަޅު ގޯތި ލިބުނު ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ މުއްދަތު މާދަމާއަށް ހަމަވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ގުޅީފަޅު ގޯތި ލިބުނު ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ މުއްދަތު މާދަމާއަށް ހަމަވާނެ!

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ މިކަމަށް ދެވޭ އެންމެ ފަހު ފުރުސަތު ކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެ ވުޒާރާއިން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ފަދައިން، ގުޅީފަޅު އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުށަހެޅުމުގެ ފުރުސަތު ނޮވެމްބަރު 6 ގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން، އެ ދުވަހުގެ 23:59 ގެ ކުރިން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވުޒާރާއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އައު ރަޖިސްޓަރީ އަދި އެގްރީމަންޓްގައި ސޮއި ކުރުމަށް ދިގު މުއްދަތެއް ވަނީ ދެވިފައެވެ. ނޮވެމްބަރު 6 އަކީ ގުޅިފަޅު އެއްބަސްވުމާއި ރަޖިސްޓަރީއާ ޙަވާލުވުމަށް ދެވޭ ފަހު ފުރުޞަތު ކަމުގައި ވުޒާރާގެ އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި އެޕޮއިންޓްމަންޓަށް އެދިފައިނުވާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުޞަތު ނުދެވޭނެކަމަށް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ގޯތި ލިބިފައިވާ ފަރާތްތަކުން މި ފުރުސަތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމަކީ މުހިންމު ކަމެކެވެ.

މިއަދު އޮންލައިން