ރާއްޖޭގައި ކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރާއްޖޭގައި ކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް ފާސްކޮށްފި

ރާއްޖޭގައި ކޮލެޖު ހިންގާތާ 15 އަހަރުވުމުން އެކޮލެޖަކަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި އިސްލާހަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް ގެނެވުނު އިސްލާހެކެވެ. މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ، ބިލު ދިރާސާކުރުމަށްފަހު ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހެޅުމުންނެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢުއެވެ. ބިލު ދިރާސާކުރުމަށްފަހު، އިސްލާހުތަކާއެކު ބިލު ފާސްކުރުމަށް ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ފާސްކުރީ، ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހުގެ ސަބަބުން، ދިގު މުއްދަތެއްގައި ރާއްޖޭގައި ތަޢުލީމީ ޚިދުމަތް ދީފައިވާ ކޮލެޖުތަކަށް ޔުނިވަރސިޓީއެއްގެ ދަރަޖައަށް ކުރިއެރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ، މަތީ ތަޢުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި، ވާސީލަތްތަކާއި ޤާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

މިހާރު ރާއްޖޭގައި ޔުނިވަރސިޓީގެ ގޮތުގައި ހިންގަމުންދަނީ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އެވެ. މި އިސްލާހާއެކު، 15 އަހަރު ފުރިހަމަވާ ކޮލެޖުތަކަށް ޔުނިވަރސިޓީގެ ދަރަޖަ ލިބި، ރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކުގެ އަދަދު އިތުރުވެގެންދާނެއެވެ.

މިއަދު އޮންލައިން