ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙު ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙު ފާސްކޮށްފި

ރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށް ބޮޑެތި ލުއިތަކާއިއެކު އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދެއް ދޫކުރާ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯނުގެ (އެސް.އީ.ޒެޑް) ޤާނޫނަށް ހުށަހެޅި އިޞްލާޙު، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. ސަރުކާރުން ހުށަހެޅި މި ބިލު ފާސްކުރީ ޖަލްސާގައި ބައިވެރިވި 46 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށައެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢެވެ. މި ބިލު ދިރާސާކުރުމަށްފަހު މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ބިލު ފާސްކުރުމަށް ރިޕޯޓު ނެރެފައެވެ.

މުޅި މަޖިލީހުގެ ކޮމިޓީން މި ބިލަށް ގެނައި މުހިންމު އިސްލާހެއްގައި ވަނީ، ޒޯނެއްގައި ހިމެނޭ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުޢާމަލާތަކާ ގުޅިގެން ޕްރޮޕަޓީ ޓްރާންސްފަރ ޓެކުހެއް (ޕީ.ޓީ.ޓީ) ނެގޭނެ ގޮތް ހަމަޖައްސާފައެވެ. މި ޓެކުސް ނެގޭނީ ވިއްކާލާ ޖުމްލަ އަގުގެ 4 އިންސައްތައިގެ ރޭޓުން ދައުލަތަށެވެ.

މި އިސްލާޙުގެ މައިގަނޑު މަޤްޞަދަކީ، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ސަސްޓެއިނަބަލް ޓައުންޝިޕްއަކީ، އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި، ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރއާއި ވަޞީލަތްތައް މެދުވެރިކޮށް، ޤާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެކެވެ. މި ސަރަހައްދުތަކުގައި މީހުންނަށް ދިރިއުޅެވޭނެ ވަޞީލަތްތަކާއި، ޚިދުމަތްތަކާއި، ޢާންމު ބޭނުންތަކުގެ ވަޞީލަތްތައް ޤާއިމުކުރެވޭނެއެވެ.

މި ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީ ކުރުމަށް އިންވެސްޓަރަށް ނުވަތަ ޑިވަލޮޕަރަށް ހުއްދަ ދިނުމުގައި ޝަރުތުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، އެސްއީޒެޑުގައި ކުރާ އިންވެސްޓްމެންޓަކީ، 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން ޢަދަދެއްގެ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މިއަދު އޮންލައިން