މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރިއަށްގެންދިއުން: ވަޒީރު އާދަމް ޝަރީފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރިއަށްގެންދިއުން: ވަޒީރު އާދަމް ޝަރީފް

މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރިއަށްގެންދިއުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ހުޅުދޫ އަދި މީދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑީއާއަށް މައުލޫމާތު ދެއްވަމުންނެވެ.

ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައްޔިތުން ބާރުވެރިކުރުމުގެ ސިޔާސަތުގެ ދަލީލެއްގެ ގޮތުގައި ފެންނަނީ އައްޑޫ ހުޅުދޫ އަދި މީދޫ ރައްޔިތުންގެ އެދުމުގެ މަތިން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައި، ދެ ރަށަށް ވަކި ކައުންސިލްތަކެއް ކަނޑައެޅުމަށް ރައީސް ޑރ. މުޢިއްޒު ޤަރާރަކުން ނިންމެވުން ކަމަށެވެ. މިއީ ރައްޔިތުންގެ ބަސް އަހައި، އެމީހުންގެ ބޭނުންތައް ފުއްދައިދިނުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ބައެއް ރަށްރަށުގެ ރައްޔިތުން ވަނީ ސިޓީ ކައުންސިލުން ވަކިވެ، އެ ރަށްރަށަށް ވަކި ކައުންސިލްތަކެއް ބޭނުންވާކަން ފާހަގަކޮށް، އެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދަންނަވާފައެވެ. އެ އެދުމާ އެއްގޮތަށް އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނެގުނުއިރު، އެ ވޯޓުގައި ހުޅުދޫ އަދި މީދޫ ރައްޔިތުންގެ އަގުލަބިއްޔަތު ވޯޓުދިނީ ކޮންމެ ރަށަކަށްވެސް ވަކި ކައުންސިލެއް ބޭނުންވާކަމަށެވެ. މި ނިންމުމަކީ ރައްޔިތުންގެ ބާރު ކަށަވަރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.

ވަޒީރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ރައްޔިތުން ބާރުވެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ނަތީޖާއަކީ ރައްޔިތުންގެ ފުރިހަމަ ތާޢީދު ސަރުކާރަށް ލިބުން ކަމަށެވެ. އެކަން ރަށްރަށަށް ރައީސް ވަޑައިގެންނެވުމުން ރައްޔިތުން ދަންނަވާ ހޫނު މަރުޙަބާތަކުން ދޭހަކޮށްދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް އޮތް އިތުބާރު އާލާކުރެވޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން