ހުޅުދޫ އާއި މީދޫގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހުޅުދޫ އާއި މީދޫގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ސ. ހުޅުދޫ އަދި ސ. މީދޫގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، އެ ރަށްތަކުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ އިތުރު ފަސޭހަތައް ލިބިގެންދާނެ މަޝްރޫޢެކެވެ.

މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި އެ ދެރަށުގެ ރައްޔިތުންވެސް ބައިވެރިވެފައިވެއެވެ. މި މަޝްރޫޢުގެ ސަބަބުން މި ދެރަށުގެ ވަށާފާރު ރަނގަޅުވެ، ފެން ހިންދާ ނިޒާމް ޤާއިމުކުރެވި، މަގުތައް ތަރައްޤީވެ، ރައްޔިތުންނަށް ސާފުތާހިރު އަދި ރައްކާތެރި މަގުތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދޭ މަޝްރޫޢެކެވެ.

 

 

މިއަދު އޮންލައިން