ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޏ. ފުވައްމުލަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫޢުގެ މަސައްކަތް ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ. މިމަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ފުވައްމުލައް ސިޓީ ކައުންސިލަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މީ ސަރުކާރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ދެއްވާ ސަމާލުކަމާއި، މިފަދަ މަޝްރޫޢުތަކުގެ މުހިންމުކަން ހާމަކޮއްދޭކަމުގެ ހެއްކެކެވެ.
ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އެމް.ޓީ ހޮއިގާޑް ޕްރައިވެޓް ލިމިޓެޑް އެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓް އަގަކީ ވޭރިއޭޝަންތަކާއިއެކު 25,012,036.25 ރުފިޔާއެވެ. މަޝްރޫޢު ނިންމުމަށް ހޭދަވި މުއްދަތަކީ 1322 ދުވަހެވެ.
މި މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އޭގެތެރޭގައި 2650 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރަށް ވަންނަ ސަރަހައްދުގައި 46 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ހެދުން ހިމެނެއެވެ. މީގެއިތުރުން، މޫދަށް ފޭބުމަށްޓަކައި 2 މީޓަރު ފުޅާ 03 ސިޑި ތަރައްޤީކޮށްފައިވެއެވެ. ރައްޔިތުންނަށް މޫދުގައި މަޖާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 03 ފަތާފެންގަނޑު ތަރައްޤީކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ނިންމާފައިވެއެވެ. އަދި، ރަށުގެ ޑްރެއިނޭޖް ނިޒާމުގެ ފެންވަރު ރަނގަޅުކުރުމަށް ޑްރެއިނޭޖް އައުޓްފޯލް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.
މި މަޝްރޫޢުގެ ސަބަބުން ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ދުވަހުން ދުވަހަށް ދިމާވާ ގިރާލުމުގެ ނުރައްކަލުން ހިމާޔަތްވެ، ރަށުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ބޮޑު އެހީއެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
ހަބަރު: ސަރުކާރު