ހުޅުދޫ އާއި މީދޫ އައްޑޫސިޓީން އިދާރީގޮތުން ވަކިވުމަކީ ދެ ރަށުގެ ތަރައްގީގެ ފެށުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހުޅުދޫ އާއި މީދޫ އައްޑޫސިޓީން އިދާރީގޮތުން ވަކިވުމަކީ ދެ ރަށުގެ ތަރައްގީގެ ފެށުން: ރައީސް

ހުޅުދޫ އާއި މީދޫ އައްޑޫސިޓީން އިދާރީގޮތުން ވަކިކުރެއްވުމަކީ ދެ ރަށުގެ ތަރައްގީގެ ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުދޫ އަދި މީދުއަށް ކުރެއްވި ދަތުރުފުޅުގައި ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އިދާރީ ގޮތުން ހިންގުމުގެ ނިޒާމުގެ ތެރެއިން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ނިކަމެތިކަމާއި ބާކީކުރުމަށް ނިމުމެއް ގެނައުމަށް ގިނަ ރައްޔިތުން އެދުމުގެ މަތިން އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ވަޢުދުވެވަޑައިގެންނެވި ކަމަށެވެ. އެ ވަޢުދުފުޅާ އެއްގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާއެކު ދެ ރަށް އައްޑޫސިޓީން އިދާރީގޮތުން ވަކިކުރެވުނުއިރު، މިއީ ހަމަޖެހުމާއި ތަރައްގީގެ ފެށުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ރަށުގެ ތަރައްގީގައި އެންމެ މުހިންމު ކަމަކީ އަސާސީ މުނިސިޕަލް ޚިދުމަތްތަކާއި ރަށްވެހިކަމުގެ ޚިދުމަތްތައް ރައްޔިތުންގެ ގާތުން، ރައްޔިތުން ބޭނުންވާ ގޮތަށް ފަހިވެގެން ދިއުން ކަމަށެވެ. އެކަން ހާސިލްވެގެންދާނެ މަގު މިހާރު ހަމަޖެހިފައިވާ ކަމަށާއި އަންނަ އަހަރު އިންތިޚާބު ކުރެވޭ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ކައުންސިލާއެކު ރައްޔިތުން އެދޭގޮތަށް އެ ޚިދުމަތްތައް ދޭން ފެށޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން ސަރުކާރުން ހުޅުދޫ އާއި މީދޫގެ ތަރައްގީއަށް ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އަހަރުތަކެއްވަންދެން ބާކީ ކޮށްފައި ތިބި ބަޔަކަށް އިސްކަން ދިނުމަކީ ތަފާތު ކުރުމެއް ނޫން ކަމަށާއި، އެއީ އެންމެން ހަމަހަމަކުރުމުގެ ސިޔާސަތެއް ކަމަށެވެ. މި ސިޔާސަތުގެ ދަށުން ދެ ރަށުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ތަރައްގީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިއަދު އޮންލައިން