އައްޑޫ ހުޅުދޫ ބީއެމްއެލް ބްރާންޗުގެ ބިންގާއަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އައްޑޫ ހުޅުދޫ ބީއެމްއެލް ބްރާންޗުގެ ބިންގާއަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އައްޑޫ ހުޅުދޫ ބްރާންޗުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ބީއެމްއެލްގެ އައްޑޫ ހުޅުދޫ ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ބީއެމްއެލްގެ ޗެއަރޕާސަން އަޙުމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. މި ބްރާންޗު ގާއިމުކުރުމަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފަހިކޮށްދިނުމަށް ބީއެމްއެލްއިން ކުރާ މަސައްކަތުގެ ބައެކެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވާ ގޮތުގައި، އެ ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް އެ ބޭންކުން ވަނީ ގާއިމުކޮށްފައެވެ.

ބީއެމްއެލްގެ ވިއުގައަށް ބަލާއިރު، 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، އަދި 260 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ވެސް ހިމެނެއެވެ. އައްޑޫ ހުޅުދޫގައި މި ބްރާންޗު ގާއިމުވުމުން، އެ ސަރަހައްދުގެ ރައްޔިތުންނަށް ޒަމާނީ ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން