އައްޑޫ ސިޓީގެ މީދޫގައި އަލަށް ޢިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މުހިންމު މަޝްރޫޢުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ.
މި ފިޓްނަސް ސެންޓަރަކީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ޙަވާލުކުރައްވައިގެން ތަރައްޤީކުރާ ސެންޓަރެކެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމާއި އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
މީދޫގައި ޤާއިމުކުރާ މި ފިޓްނަސް ސެންޓަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ކުޅިވަރުގެ ޙަރަކާތްތައް ހިންގޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މި މަރުކަޒުގައި އިންޑޯ ޖިމާއި، އެރޮބިކްސް ކުޅޭނެ ވަސީލަތްތަކުގެ އިތުރުން އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހިމެނެއެވެ.
ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ މަސައްކަތެކެވެ. މިފަދަ މަރުކަޒުތައް ޤާއިމުކުރުމުގެ މަޤްޞަދަކީ ރައްޔިތުންގެ ހަށިހެޔޮކަން އިތުރުކޮށް، ކުޅިވަރުގެ މާޙައުލެއް އުފެއްދުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ.