އައްޑޫ ސިޓީ ހުޅުމީދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި
މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުދޫ އަދި މީދޫއަށް ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމްޝަރީފް އުމަރެވެ. މި މަޝްރޫޢަކީ ހުޅުމީދޫގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދެއްވާ މަޝްރޫޢެކެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި، ހުޅުމީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިމުމާއެކު، އެ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ލިބިގެންދާނެއެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ތިމާވެށީގެ މައްސަލަ ހައްލުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
މި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަކީ، ރައީސް މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ދެއްވާ އަހަންމިއްޔަތު އަންގައިދޭ ކަމެކެވެ.