އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް މީދޫ އާއި ހުޅުދޫގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް މީދޫ އާއި ހުޅުދޫގައި ފަށައިފި

އައްޑޫ ސިޓީ މީދޫ އާއި ހުޅުދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) އާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތްތައް ފެށުމާއެކު، މީދޫ އަދި އެ ސަރަޙައްދުގެ ރައްޔިތުންނަށް މާލެއަށް ނުގޮސް މި މުހިންމު ލިޔެކިޔުންތައް ހޯދުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ.

މި ޚިދުމަތްތައް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި މި ޚިދުމަތްތައް ފަށްޓަވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހެވެ.

މި ޚިދުމަތް މީދޫ އާއި ހުޅުދޫގައި ފެށުމަކީ ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކޮށް، ދައުލަތުގެ މުހިންމު ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ރައްޔިތުންނާ ގާތަށް ގެނައުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެކެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރެވެއެވެ.

މިފަދަ ޚިދުމަތްތައް ސަރަޙައްދީ ފެންވަރުގައި ފުޅާކުރުމަކީ، މާލެއަށް ދަތުރުކުރުމުގެ ބުރަ ކުޑަކޮށް، ޚަރަދު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީދޫ އާއި ހުޅުދޫގައި މި ޚިދުމަތް ފެށުމާއެކު، އައްޑޫ ސިޓީގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މި ޚިދުމަތްތައް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން