އަދަބީ އަދި ފަންނީ މަސައްކަތްތައް ހިމާޔަތްކުރުމާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، ދަ ބާރން ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އަރޓިސްޓިކް ވޯކްސްގައި ދިވެހިރާއްޖެއިން ރަސްމީކޮށް ބައިވެރިވެއްޖެއެވެ.
މިއީ ދިވެހިރާއްޖޭގައި ކޮޕީރައިޓް ހިމާޔަތްކުރުން ހަރުދަނާކޮށް ވާދަވެރި އުފެއްދުންތެރި އިޤްތިޞާދެއް ބިނާކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ސަފްހާއެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި މުއާހަދާގައި ބައިވެރިވުމަށް ހުށައަޅަންޖެހޭ އިންސްޓްރޫމަންޓް އޮފް އެކްސެޝަން ވަނީ މިމަހުގެ 3 ގައި ޖެނީވާގައި ހުންނަ ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮގަނައިޒޭޝަން (ވައިޕޯ) އަށް ހުށައަޅާފައެވެ. ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި ބާރން ކޮންވެންޝަން ދިވެހިރާއްޖޭގައި ތަންފީޒްކުރަން ފެށޭނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
މި މުއާހަދާގައި ބައިވެރިވުމުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. ވަކިން ޚާއްސަކޮށް ލިޔުންތެރިން، ކުރެހުންތެރިން، މިއުޒިކް އުފައްދާ ފަރާތްތައް، ފިލްމް އުފައްދާ ފަރާތްތައް އަދި އެހެނިހެން އުފެއްދުންތެރި ފަންނުވެރިންގެ އުފެއްދުންތަކަށް ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ތިބި އެފަދަ އުފެއްދުންތެރިންގެ އުފެއްދުންތަކާއި އެއްފަދައިން ހިމާޔަތާއި ރައްކާތެރިކަން ބާރން ޔޫނިއަންގެ 181 ގައުމުން ލިބިގެންދާނެއެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ މިއީ 2030 ވަނަ އަހަރާއި ހަމައަށް ކްރިއޭޓިވް އަދި ޑިޖިޓަލް އިކޮނޮމީ ދާއިރާ ގައުމުގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ މިންވަރު %15 އަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ. މި ބައިވެރިވުމާއެކު، ދިވެހިރާއްޖޭގެ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ރައްކާތެރިކުރުމުގެ ނިޒާމު ބައިނަލްއަޤްވާމީ ފެންވަރަށް ހަރުދަނާވެގެންދާނެއެވެ.