ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަނީ، ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވުމާ ގުޅިގެން އެކަން ހައްލުކުރުމުގެ ގޮތުން ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމާފައެވެ. މި މަސައްކަތް މިހާރު ވަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން ފަށާފައެވެ.
މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު އާޝާންއެވެ. އާޝާން ވިދާޅުވީ، ވަގަށް ތެޔޮ ވިއްކާ މައްސަލަ އިތުރުވުމާ ގުޅިގެން އެކުންފުނީގެ ބޯޑުން ވަނީ މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީ ބާޖުތަކުގައި ކެމެރާ ހަރުކުރުމަށް ނިންމާފައި ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށްޓަކައި މިހާރު ކުރިއަށްދާ ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން ސީސީޓީވީ ކެމެރާއާއެކު ވަގުތުން މަންޒަރުތައް ބަލައިލެވޭނެ 'މޮޑަމް' އެއްވެސް ބާޖުތަކުގައި ހަރުކުރާނެއެވެ. އާޝާން ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ދެ ބާޖެއްގައި ވަނީ މޮޑަމް ހަރުކޮށްފައެވެ. އަދި މި މަސައްކަތް އިތުރަށް ފުޅާކުރުމަށް ވެސް ވަނީ ނިންމާފައެވެ.
އާޝާން ވިދާޅުވީ، ޖުމްލަ ފަސް ބާޖުގައި މި ނިޒާމު ހަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. "މިހާރުވެސް ދެ ބާޖެއްގައި ވަނީ މޮޑަމް ހަރުކޮށްފައި. އަދި ކުރިއަށް އޮތްތަނުގައި އިތުރު ބާޖުތަކުގައިވެސް ހަރުކުރާނެ. މިގޮތުން އިތުރު 3 ބާޖެއްގައި މޮޑެމް ހަރުކުރަން ޝެޑިއުލްކޮށްފައިވާނީ. އެންމެ އަވަހަށް ޑޮކް ކުރެވޭ 5 ބާޖުގައިވެސް ހަރުކުރުމުގެ މަސައްކަތް ކުރަން އަޅުގަނޑުމެންވާނީ ޕްލޭންކޮށްފައި،" އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ވަގަށް ތެޔޮ ވިއްކުމުގެ މައްސަލަ ހައްލުކުރުމަށް ބާޖުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކޮންމެ ތިން މަހަކުން ބަދަލުކުރުމަށްވެސް އެފްއެސްއެމްއިން ވަނީ ނިންމާފައެވެ. މިއީ އެފަދަ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް އަޅާ އިތުރު ފިޔަވަޅެކެވެ.
އާޝާން ވިދާޅުވީ، ސީސީޓީވީ ކެމެރާ ހަރުކުރުމުގެ ސަބަބުން ބޭނުންވެއްޖެ ހިނދެއްގައި ލައިވްކޮށް، ވަގުތުން މޮޑަމް މެދުވެރިކޮށް ބާޖުތަކުގެ ހަރަކާތްތައް ބަލައިލެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ކޮންޓްރޯލް ކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.