އައްޑޫ ސިޓީގެ ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުއިއްޒު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. މި މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
މިސްކިތުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައި ވަޒީރު ޝަހީމްގެ އަރިހުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހާއި، ފޭދޫ ދާއިރާގެ މެންބަރު ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ ފޭދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިއަށް ގެންދާ މިސްކިތްތަކުގެ މަޝްރޫޢުތަކަކީ ޒަމާނީ ފެންވަރަށް ލައިބްރަރީއާއި ކުލާސްރޫމްވެސް ހިމެނޭހެން ކުރިއަށް ގެންދާ މަޝްރޫޢުތަކެއްކަން ފާހަގަކޮށްލެވެއެވެ.
ރައީސުލްޖުމުހޫރިއްޔާ ރައްޔިތުންނާއި ގާތަށް ރަށްރަށް ކުރައްވާ ދަތުރުފުޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ފައްޓަވާފައިވެއެވެ. މި ދައުރުގެ ތެރޭގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.