އާރްޑީސީއާ ހަވާލުކޮށް މަރަދޫ ފޭދޫގައި އަލަށް ޤާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
އާރްޑީސީއާ ހަވާލުކޮށް މަރަދޫ ފޭދޫގައި އަލަށް ޤާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

އައްޑޫ ސިޓީ މަރަދޫ ފޭދޫގައި އަލަށް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މަޝްރޫޢަކީ ސަރުކާރުގެ ފަރާތުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ޙަވާލުކުރައްވައިގެން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމާއި، އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

މި ރަސްމިއްޔާތުގައި އެ ދާއިރާގެ މަޖްލިސް މެމްބަރާއި އައްޑޫ ސިޓީ މަރަދޫފޭދޫ ކައުންސިލުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ފަދަ މަރުކަޒެއް ޤާއިމުކުރުމަކީ އެ ރަށުގެ ރައްޔިތުންނަށް ކަސްރަތުކުރުމާއި ހަށިހެޔޮކަން ދެމެހެއްޓުމަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.

އާރްޑީސީއާ ޙަވާލުކުރެވިގެން ކުރިއަށްދާ މި މަޝްރޫޢު ނިމިގެންދާއިރު، މަރަދޫ ފޭދޫގެ ޒުވާނުންނާއި އާންމުންނަށް ޒަމާނީ ފެންވަރުގެ ކުޅިވަރާއި ހަށިހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށް ބެލެވެއެވެ. މިއީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރާއި ހަށިހެޔޮކަމުގެ ވަސީލަތްތައް އިތުރުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްރޫޢެކެވެ.

މިއަދު އޮންލައިން