އައްޑޫ ސިޓީގެ ފޭދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ބިންގާއެޅުމުގެ ރަސްމިއްޔާތު ބާއްވައި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަނޑުގެ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމްގެ އިތުރުން އެދާއިރާގެ މަޖްލިސް މެމްބަރާއި އައްޑޫ ސިޓީ ފޭދޫ ކައުންސިލުގެ ރައީސެވެ. މި މަޝްރޫޢު ފެށުމާއެކު، ފޭދޫގެ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
މި މަޝްރޫޢަކީ ސަރުކާރުގެ ފަރާތުން ޒެބޮކް ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 55 ދުވަހުގެ ތެރޭގައެވެ. މި ދަނޑު ނިމޭއިރު، މިއީ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ފުޓްސަލް ދަނޑަކަށް ވެގެންދާނެކަމަށް މަޢުލޫމާތު ލިބެއެވެ.
މި ދަނޑުގައި 20 މީޓަރު 40 މީޓަރުގެ ޕިޗެއް ހިމެނޭނެއެވެ. މި ފެންވަރުގެ ދަނޑެއް ފޭދޫގައި ގާއިމުވުމަކީ ރަށުގެ ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށް ބޮޑު ހިތްވަރަކާއި ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ކުޅިވަރުގެ ހަރަކާތްތައް އިތުރުވެ، ޒުވާނުންގެ މެދުގައި ހަށިހެޔޮކަން އިތުރުވުމަށް އެހީތެރިވެދޭނެއެވެ.