އައްޑޫ ސިޓީގެ ހިތަދޫގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އޮނަރަބަލް އިބްރާހިމް ވަހީދެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ، އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ޢިލްމީ ގޮތުން ފަހިކަން ހޯދައިދިނުމަށް ސަރުކާރުން އިސްކަންދެއްވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، 11،250 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ ޒަމާނީ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ފަންގިފިލާއެއްގައި 5،625 އަކަފޫޓު ހުންނާނެއެވެ. މި މަސައްކަތަކީ 15.18 މިލިއަން ރުފިޔާއަށް، 390 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. އެމްޓީސީސީން ބުނެފައިވަނީ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެންމެ ފުރިހަމައަށް ނިންމާނެ ކަމަށެވެ.
17،590 މީހުންގެ އާބާދީއެއް ދިރިއުޅޭ ހިތަދޫގައި މި ލައިބްރަރީ ޤާއިމުވުމަކީ، އެ ރަށުގެ ރައްޔިތުންގެ މަޢުލޫމާތު މުއްސަނދިވެ، ހޭލުންތެރިކަން އިތުރުވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމެއް ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. ޢިލްމީ ދަރިންތަކެއް އުފަންކުރި ރަށެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ހިތަދޫއަށް، މި ލައިބްރަރީގެ ސަބަބުން އިތުރު ޢިލްމީ ކުރިއެރުންތައް އަންނާނެ ކަމަށް ވެސް އެ ކުންފުނިން ދެކެއެވެ.
އެމްޓީސީސީ އަކީ ފާއިތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. 1980 ވަނަ އަހަރު އުފެދުނު މި ކުންފުނިން ވަނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި އަދި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.