އައްޑޫ ސިޓީ ލިންކު ރޯޑާއި އެސިޓީގެ ރަށްރަށުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫ ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
އައްޑޫ ސިޓީ ލިންކު ރޯޑާއި އެސިޓީގެ ރަށްރަށުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫ ފަށައިފި

އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްދިނުމަށް އެކުލަވާލާފައިވާ، ލިންކު ރޯޑާއި ސިޓީގެ ރަށްރަށުގެ މަގުތައް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްރޫޢަކީ އައްޑޫ ސިޓީގެ ޢުމްރާނީ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް ހިންގުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. އާރްޑީސީން މިހާރު ވަނީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ތަކެތި ސައިޓަށް ގެންގޮސް، މަގުތައް މަރާމާތުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ފަށާފައެވެ.

މި މަޝްރޫޢު ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ ލިންކު ރޯޑު މަރާމާތުކޮށް، އެ ސިޓީގެ މުހިންމު އަވަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. މީގެ ތެރޭގައި މަގުތަކުގައި ފެން ހިންދާނެ ނިޒާމުތައް ޤާއިމުކުރުމާއި، މަގުބައްތި ޖެހުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ހިންގާ އެހެނިހެން ބައެއް މަޝްރޫޢުތަކުގެ މަސައްކަތްތައް ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމުމުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިއަދު އޮންލައިން