އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (REOC) ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ހިތަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް، އޮނަރަބަލް މުޙައްމަދު ޢައްސާން މައުމޫނެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، އައްޑޫ ސިޓީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. 6.50 މިލިއަން ރުފިޔާގެ މި މަޝްރޫޢު 300 ދުވަސްތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 4338 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއް ކުރާނެއެވެ. މިއިން ކޮންމެ ފަންގިފިލައެއްގެ ބޮޑުމިނުގައި 2368 އަކަފޫޓު ހުންނާނެއެވެ.
17590 މީހުންގެ އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީގެ ވެރިކަންކުރާ ރަށް ކަމަށްވާ ހިތަދޫގައި މި ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކުރެވުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ސެންޓަރުގެ ސަބަބުން، ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން އަވަސްކަމާއި ފަސޭހަކަމާއެކު އައްޑޫ ސިޓީގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެވޭނެއެވެ.
ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އެމްޓީސީސީން ވަނީ 1980 ވަނަ އަހަރު އުފެދުނު ފަހުން 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމައިފައެވެ. މި މަޝްރޫޢަކީ ވެސް ރާއްޖޭގެ އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމަށް އެ ކުންފުނިން އަޅާ މުހިންމު ފިޔަވަޅެކެވެ.