އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން، 30 މެގަވޮޓުގެ ކަރަންޓު ކެޕޭސިޓީ ގާއިމްކުރުމަށް ސަރުކާރުން ނިންމައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ. އައްޑޫ ސިޓީއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް އެކި ފަހަރުމަތިން މަސައްކަތްކުރެވިފައިވާ ކަމަށާއި، މިހާތަނަށް 8 ޖެނެރޭޓަރު ފޮނުވިނަމަވެސް ދާއިމީ ހައްލެއް ލިބިފައިނުވާ ކަމަށެވެ.
މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ބޮޑު މަޝްރޫޢެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަން ހާމަކުރައްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ 30 މެގަވޮޓުގެ ކަރަންޓު ކެޕޭސިޓީ ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެކަމަށެވެ. އަދި މިކަމަށްޓަކައި އިދާރީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ މަސައްކަތް ކުރުމަށް ހަވާލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ޖަނަރޭޓަރުތަކާއި އިންޖީނުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތްތަކާއި، މިހާރު ހުރި ކެޕޭސިޓީގެ ތެރެއިން ރަނގަޅުކުރަން ޖެހޭ ކަންކަންވެސް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ އިތުރުން، އައްޑޫ ސިޓީގެ މަގުތަކުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ. "30 މެގަވޮޓަށްވާ ވަރުގެ ކަރަންޓުގެ ކެޕޭސިޓީ ޤާއިމްކުރުމަކީ ސަރުކާރުން ކުރާނެކަމެއް. މަގުތަކުގެ މައްސަލަ ހައްލުކުރުމަށް މި މަސައްކަތް މިވަނީ ފަށާފައި. މިއީ އިޤްތިޞާދީ މަސައްކަތްކުރުމަށްވެސް އެޅިފައިވާ ހުރަހެއް." ރައީސް ވިދާޅުވިއެވެ. މަގުތައް ހެދުމަކީ އިންވެސްޓްކުރާ ފަރާތްތަކަށާއި ދިރިއުޅޭ ރައްޔިތުންނަށްވެސް މުހިއްމު ކަމެއްކަން ފާހަގަކުރައްވައި، އެ މަސައްކަތް އިތުރު ފޭސްތަކަށް ބަހާލުމެއްނެތި، ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.