ޢަމަލު ކުޑަވެގެން ނުކޮށް ދޫކޮށްލަން ހެޔޮނުވާނެ އެއްކަމަކީ ސަލާމްކުރުން! އެއީ ވަރަށް ގިނަ ޘަވާބު ހޯދެން އޮތްކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޢަމަލު ކުޑަވެގެން ނުކޮށް ދޫކޮށްލަން ހެޔޮނުވާނެ އެއްކަމަކީ ސަލާމްކުރުން!  އެއީ ވަރަށް ގިނަ ޘަވާބު ހޯދެން އޮތްކަމެއް!

ކޮންމެ މުސްލިމަކަށްވެސް އެނގޭނެ އެއްކަމަކީ ޤިޔާމަތް ދުވަހަކީ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ހެޔޮ ޢަމަލުތައް މަދުވެގެން އުޅެންޖެހޭނެ ދުވަސްކަމެވެ. ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ވިޔަސް ނުކޮށް ދޫކޮށްލަން ހެޔޮނުވާނެ ސަބަބަކީވެސް އެއީއެވެ. ހަމައެއާއިއެކު ﷲ ތަޢާލާއީ ފަސޭހައިން ކުރެވޭ ކުދިކުދި ހެޔޮ ޢަމަލުތައް ކުރުމުންވެސް ނުހަނު ގިނަގުނަ ޘަވާބު ދެއްވަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ.

"އެންމެ ހެޔޮ ޢަމަލަކީ ކޮބައިތޯ؟" ރަސޫލް (ﷺ) އަށް ސުވާލު ދެންނެވުމުން ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. މީސްތަކުންނަށް ކާން ދިނުމާއި ދަންނަ މީހުން ކަމުގައިވީ ނަމަވެސް އަދި ނުދަންނަ މީހުން ކަމުގައިވީ ނަމަވެސް އެންމެންނާއި ސަލާމް ކުރާ މީހާއެވެ." (ރިޔާޟުއްޞާލިޙީން)

ތިމާއަށް މީހަކު ސަލާމް ގޮވައިފިނަމަ ސަލާމަށް ޖަވާބު ދިނުމަކީ ކިހައިވަރެއްގެ މުހިންމުކަމެއްކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.

"ތިއަބައިމީހުންނަށް އެއްވެސްކަހަލަ ސަލާމަކުން ސަލާމް ކޮށްފިނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން ތިއަބައިމީހުން ސަލާމް ކުރާށެވެ! ނުވަތަ އެ ސަލާމް ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ ހިސާބު ބައްލަވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ." (ނިސާ: 80)

ސަލާމް ކުރުމުން ޖަވާބުގައި ސަލާމްކުރަން ޖެހޭނެ ކަން މިހައި ސާފު ޢިބާރާތުން އެނގެން އޮތްއިރު ސަލާމް ކުރުމުންވެސް ޖަވާބު ނުދިނުން ވާނެ ގޮތް ހަމަ އެންމެންނަށްވެސް އެނގޭނެއެވެ.

މިހިރީވެސް އުފެދޭ ސުވާލުތަކެވެ.

" ރަހިމުގެ ގުޅުން ކަނޑައި ވާހަކަ ނުދައްކައި ހުންނާތީ އޭނާ އާއި ވާހަކަ ދައްކަން ވަރަށް މަސައްކަތްކޮށްފީމެވެ. ނަމަވެސް ވާހަކަ ދެއްކޭނެ އެއްވެސް މަގެއް ނުދެއްކިއެވެ. ކުރިމައްޗަށް އަރައި ވާހަކަ ދެއްކުމުންވެސް އޭނާ ވާހަކައެއް ނުދެއްކިއެވެ. އެހާލަތުގައި އަޅުގަނޑު ވެސް ފާފަވެރިވާނެތޯއެވެ؟"

ޖަވާބަކީ ފާފަވެރިވާނީ ވާހަކަ ނުދެއްކި މީހާއެވެ. ފާފަވެރިވާނީ ވާހަކަ ދައްކަން އިންކާރުކުރި މީހާ އެވެ. ސަލާމްކުރުމުން ޖަވާބުދޭން އިންކާރުކުރި މީހާއެވެ.

ކޮންމެ ދުވަހަކީވެސް އެކަކު އަނެކަކަށް ހިތް ސާފުކޮށް މާފުކުރުމުގެ ދުވަހަކަށް ހަދަމާތޯއެވެ! ހެޔޮކަން ބޮޑުވެގެންވަނީ ހިތް ސާފުކޮށް ފުރަތަމަ ސަލާމް ކުރި މީހާއެވެ. އަދި ކީއްހެއްޔެވެ؟ ސަލާމް ކުރަންވީ ހަމައެކަނި ޢާއިލާގެ މީހުންނަކަށް ނޫނީ ރައްޓެހިންނަކާއެއް ވެސް ނޫނެވެ. ބައްދަލުވިހައި މީހަކާއިއެވެ.

އަހަރެމެންގެ ތެރެއިން ގިނަބައަކަށް އުޅެވެނީ ކޮންމެވެސް ކޮންމެވެސް ބޮޑު އަޅުކަމެއް ނުކުރެވިގެންނެވެ. އަޅުކަން ވީހައި ގިނައިން ކުރަންވީއެވެ. ނަމަވެސް އަޅުކަންކުރުމަކީ ހަމައެކަނި ނަމާދުކުރުމާއި ޤުރްއާން ކިޔެވުމެއް ނޫނެވެ. ތިމާއަށް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުމަކީ ވެސް އަޅުކަމެވެ. ނުކުރާނަމަ ކުރުމުން ލިބޭނެ ޘަވާބެއް ނުލިބޭނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން