ފުރަތަމަ ކަމަކަށް އަހުރެން އިލްތިމާސްކުރާނީ ކޮންމެ ނަމާދެއް ކުރިނަމަވެސް ސަޖިދައިގައި މަޑުވެލުމަށެވެ. 3 ފަހަރު ތަސްބީޙްކިޔުމުގެ ބަދަލުގައި 7 ފަހަރު ކިޔުމަށެވެ. އިމާމުގެ ފަަހތުން ކުރާއިއރު އެވަރަށް ނުކިދާނެއެވެ. އެއީވެސް މައްސަލައެއް ނޫނެވެ. 3 ފަހަރު ކިޔުމުން ފުދޭނެތީއެވެ. އިމާމާއިއެކު ކުރާނަމަ އިމާމް ތެދުވަން ކިޔާ ތަކްބީރުގެ "ރ" ކިޔައި ނިމުމުން ނޫނީ މައުމޫމުން ތެދުވަން ޙަރަކާތް ނުކުރުމަށެވެ.
އަހުރެމެންގެ ތެރެއިން ނަމާދުކުރާ ގިނަބައަކުވެސް ސަޖިދަކުރާ ސްޕީޑަށް ބަލައިފިނަމަ އެމީހުން އެކުރަނީ ސަޖިދަކަމާއިމެދު ސުވާލުއުފެދޭހާ އަވަސް އަވަހަށް ޙަރަކާތްކުރެއެވެ. ސަޖިދައަށް ގޮސް ނިތްކުރި ޖެހުމާއިއެކު ފުންމައިގެން ތެދުވާ ބައަކުވެސް އުޅޭތީއެވެ.
މީހާއަށް ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަޤުތަކީ ސަޖިދައިގައި އޮންނަ ވަޤުތުކޮޅެވެ. އެހެންކަމަށްވާއިރު ސުވާލަކީ ސަޖިދައިގައި މަޑުކޮށްނުލައި ފުންމައިގެން ތެދުވަނީ ﷲ ތަޢާލާ އާ އެންމެ ބޮޑަށް ކުއްތަންވެވޭ ވަޤުތުކޮޅުގައިވެސް މަޑުކޮށްލަން ބޭނުން ނުވާތީ ހެއްޔެވެ؟
ބައެއް މީހުން ނަމާދުކުރާއިރު ސަޖިދަކުރަނީ އިމާމް މީހާ ސަޖިދަކުރާތީއެވެ. ތަކްބީރުގެ އަޑުއިވުމުން ސަޖިދަކުރާތީއެވެ. ހަމައެފަދައިން ބައެއް މީހުން އެކަނި ނަމާދުކުރާއިރުވެސް ސަޖިދަކުރަނީ އެފަދަގޮތަކަށެވެ. ކުރަންޖެހޭކަމަކަށްވާތީ ކޮށްލަނީއެވެ.
މިފަދަ ގޮތްގޮތަށް ކުރާ ސަޖިދައަކީ ސަޖިދައަކަށްނުވާނެއެވެ. ސަޖިދަ ސަޖިދައަކަށްވާނީ މިކުރަނީ ކޮންކަމެއްކަން ހިތްމައްޗަށްގެނެސް ބިރުވެތިކަމާއިއެކު ކުރުމުންނެވެ. އެހެނީ ސަޖިދަކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ:
--މީހާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ޢަމަލެވެ.
--އެއީ މީހާ އެންމެ ބޮޑަށް ބިރުވެތިކަމާއިއެކު ކުރަންޖެހޭނެ ޢަމަލެވެ.
--އެއީ މީހާ އެންމެ އުންމީދާ ޔަޤީންކަމާއިއެކު ކުރަންޖެހޭނެ ޢަމެލެވެ.
އެއީ ކީއްވެގެންހެއްޔެވެ؟ އެއީ ތިމާ 7 ގުނަވަންމަތީގައި މިކުރާ ކަމަކީ ތިމާ އުފައްދަވައި ހުރިހާ ނިޢްމަތްތައް މިންވަރުކުރައްވަވާ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވުންކަމުގައިވާތީއެވެ. ސަޖިދައިކުރާ އަސްތަޣްފާރާއި ދުޢާ ބިމަށްވަދެގެން ދިއުމުގެ ބަދަލުގައި 7 ވަނަ އުޑުގެމަތީގައި ވޮޑިގެންވާ ﷲ ތަޢާލާގެ ޙަޟްރަތަށް ވަގުތުން އުފުލިގެންދާތީއެވެ. އެދުޢާ ޢިޖާބް ކުރެއްވެވުމަށް އެދޭތީއެވެ.
ވީމާ ކޮންމެ ސަޖިދައެއް ކުރުމުގެ ކުރިންވެސް މިކުރަނީ ކޮންކަމެއްކަން ހިތްމައްޗަށް ގެނެސް ބިރުވެތިވާންވާނެއެވެ. ސަޖިދަކުރަންވާނީ ވެއްޓިގަންނަ ގޮތަކަށް ނޫނެވެ. މަޑުމަތިރިކަމާއި ކިޔަމަންތެރިކަމާއިއެކުގައެވެ. ސަޖިދައިގައި އޮވެ ދަންނަވާ ދެންނެވުންތައް ދެންނެވިކަމަށްވާނީ މިބުނި ކަންކަމަށް ސަމާލުކަން ދިނުމުންނެވެ!
ސަޖިދައިން ތެދުވަން އަވަސްވެގަންނަނަމަ ތިބާއަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ކުއްތަންވެ ގިނަ ވަޤުތު ހޭދަކުރަން ބޭނުންނުވާ މީހަކަށްވެދާނެއެވެ. އެކަންވާނީ ލިބޭނެ ކިހައި ބޮޑު ދެރައަކަށް ހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން