އައްޑޫ ސިޓީގެ މަރަދޫގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް، އެމްލޮގް ޕްރައިވެޓް ލިމިޓެޑް (އެމްލޮގް) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
މަރަދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އަދި މި މަސައްކަތް ހަވާލުކުރެވުނު އެމްލޮގް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޑިރެކްޓަރ ޙައިޝަމް ޢަލީއެވެ.
މި މަޝްރޫޢަކީ އައްޑޫ ސިޓީގެ ރަށްރަށުގައި ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް އަމާންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ. މަރަދޫގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުވުމުން، އެރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް ލިބިގެންދާނެ ގޮތް އިތުރަށް ފަސޭހަވެ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެއެވެ.