ދުޢާކޮށް އެދުނު ކަންތައް ހިންމަވައިދެއްވެވުން ލަސްވާނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދުޢާކޮށް އެދުނު ކަންތައް ހިންމަވައިދެއްވެވުން ލަސްވާނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަހުރެން ކުޑަކުޑަ ސުވާލެއް ކޮސްލާނަމެވެ. ވަރަށް ބުރަ މަސައްކަތްކޮށްގެން މޭވާއަޅާ ގަހެއް ހެއްދީއެވެ. އެގަހުގައި މޭވާއެޅުން ލަސްވެލައިފިނަމަ އަވަސްވެގަންނާނީ ގަސް ކަނޑައިލުމަށް ހެއްޔެވެ؟ ލަހުން ނަމަވެސް މޭވާއަޅާނެކަމުގެ ޔަޤީންކަން އޮއްވައި ގަސްކަނޑާލުމަށްވުރެ މޮޔަކަމެއް ކުރެވޭނެ ހެއްޔެވެ؟ ދުޢާ ކުރުމުގައިވެސް މެދުވެރިވަނީ މިފަަދ ގޮތެކެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުގައި އޮތީ ދުޢާކުރުމަށްފަހު ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން ނުއުޅޭ ކޮންމެ މީހަކު ކުރި ދުޢާ ޢިޖާބަ ކުރައްވަވާނެ ކަމަށެވެ.  

ނަމަވެސް އިންސާނުންނަކީ ކޮންމެ ކަމެއްގައި އަވަސް ބޭނުންވެގެން، ކެތްތެރިކަން ކުޑަވެފައި ތިބޭ ބައަކަށްވާތީ ދުޢާކުރުމަށްފަހު އަވަސްއަރައިގަނެވެނީއެވެ. ޢިޖާބަކުރެއްވެވުން ލަސްވެލާއިރަށް އެކަމުގެ ޝަކުވާ ކުރެވެން ފަށަނީއެވެ. އަދި މާޔޫސްވެ އަޅުކަންކުރުމާއި ދުޢާކުރުންވެސް ހުއްޓައިލަނީއެވެ. 

އެއިރުން އެކުރެވޭ ކަމަކީ ﷲ ތަޢާލާގެ ރަޙްމަތުން އުންމީދުކަނޑައިލެވެނީއެވެ. އެއީ އިންސާނަކަށް ކުރެވޭނެ އެންމެ ނުބައި ޢަމަލެވެ. އެހެނީ އަހުރެމެން މުސްލިމުން އަބަދުވެސް ތިބެންޖެހޭނީ ﷲ ތަޢާލާގެ ރަހްމަތަށް އުންމީދުކޮށްގެންނެވެ. އުންމީދު އެކަންޏެއް ނޫނެވެ. ޔަޤީންވެސް ކޮށްގެންނެވެ.   

ތާބިޢީ ބޭކަލަކު ވިދާޅުވެފައިވެއެވެ. "އަހުރެން ކުރާ ދުޢާ ޢިޖާބަކުރައްވަވައިފިނަމަ އަލްޙަމްދުލިﷲ ކިޔައި އަވަހަށް ޝުކުރުވެރިވަނީއެވެ. އެއީ އެދުނު ބޭނުން ފުއްދަވައިދެއްވެވީތީއެވެ.  

ލަސްވެއްޖެނަމަ ދުޢާކުރުން ގިނަކުރަނީއެވެ. ސަޖިދަކުރަން ގިނަކޮށް ސަޖިދައިގައި ގިނަ ވަޤުތު ހޭދަކުރަނީއެވެ.  

ސަބަބަކީ ދުޢާ ޢިޖާބަކުރެއްވެވުން ލަސްކުރައްވަވަނީ ﷲ ތަޢާލާއެވެ. އަހުރެންނަށްވުރެ މޮޅަށް އަހުރެންނަށް ފައިދާހުރި ގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ވީމާ އަހުރެންނަށް އެންމެ ފައިދާކުރާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ﷲ ތަޢާލާގެ ނިންމެވުންވާނީ އަހުރެންނަށް އެންމެ ފައިދާހުރިގޮތްކަން އަބަދުވެސް ޔަޤީންކުރަމެވެ."  

އަހުރެން ބުނާނެ އެއްޗެއް އިތުރަކަށް ނެތެވެ. ކަން އޮތް ގޮތް އެބޭކަލަކު އެވަނީ ވަރަށް ރަނގަޅަށް ވިދާޅުވެދެއްވައިފައެވެ. އަހުރެމެން އެންމެންނަށްވެސް އެންމެ ފައިދާކުރާނެ ގޮތަކީ ހަމަ އެގޮތަށް އެކަން ޤަބޫލުކުރުމެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން