ކިތަންމެ ފަޤީރަސް އެންމެ ތަނަވަސް މީހަކަށް ވެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ކިތަންމެ ފަޤީރަސް އެންމެ ތަނަވަސް މީހަކަށް ވެވިދާނެ!

ތަނަވަސްކަން އެންމެ ބޮޑު މީހުންނަކީ އެއްވެސް މީހެއްގެ ގާތުގަ ކަންކަމު ނުކިޔައި އެއްވެސް ކަމަކަށް ނުދަރައި އަމިއްލަ ބޭނުންތައް ފުއްދައިގެން އުޅެވޭ މީހުންނެވެ. ވީމާ އެއީ އެންމެ ފަޤީރު ޙާލުގައި އުޅެންޖެހޭ މީހުންނަށްވެސް ލިބެން އޮތް އެންމެ ބޮޑު އުފާވެރިކަމެވެ. އަތުގައި ފައިސާ ކިތަންމެ ގިނަޔަސް ލޯނުތައް ނަގައި ދަރަނިވެރިވެގެން އުޅޭނަމަ އެމީހަކީ ތަނަވަސް މީހެއް ނޫނެވެ. އަދި އެއީ އުޅެން ﷲ ތަޢާލާ އަންގަވާފައި އޮތްތޮތެއްވެސް ނޫނެވެ.  

އިސްލާމް ދީން އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ ފުދުންތެރި ދިރިއުޅުމެކެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުކުރަން ކުރާ މަސައްކަތުގެ އެންމެ ބޮޑު އެއްކަމަކީ ލިބޭ އާމްދަނީއިން ފުއްދަން އެނގުމެވެ. އެކަން ކުރެވޭނީ ބަޖެޓްކޮށްގެން ޚަރަދުތައް ކުރުމުންނެވެ. ޒަވާޖީ ޙަޔާތުގައި މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބަކީވެސް ލިބޭ އާމްދަނީން ނުފުދުންކަން އެއީ ޤަބޫލުކުރަންޖެހޭނެ ކަމެކެވެ.  

ލިބޭ އާމްދަނީ ބޭނުންވާ ކަންކަމަށް ބަހާލައިގެން ޚަރަދުކުރާނަމަ މަދުވެގެން އުޅޭކަށް ނުޖެހޭނެއެވެ. މަސްނިމުމުގެކުރިން އަތްމަތިހުސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިސްލާމް ދީނުގައި ވެސް އޮތީ ލިބޭ މިންވަރުން ޚަރަދުކުރުމަށެވެ. ދަރަނިވެރިވާންޖެހޭނީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނުކުރެވި މަޖުބޫރުވެ ދެން އެހެން ގޮތެއް ނެތިއްޖެނަމައެވެ. ކޮންމެކަމަކަށް މީހުންގާތު ބުނެ އާދޭސްކޮށް ދަރަނަވެރިވުމަކީ އެކަންކަމަށް ދެވިހިފާ ވަރަށް ނުބައި ޢާދައެކެވެ. އެފަދަ މީހުންނަށް އަބަދުވެސް އުޅެންޖެހޭނީ ދަރަނިން ސަލާމަތް ނުވެވިގެންނެވެ.  

އަވަށްޓެރިން ނުވަތަ ރައްޓެހިން ދިރިއުޅޭ ފެންވަރުގައި ދިރިއުޅެން ނުވެސް ވިސްނާށެވެ! އެހެން މީހުންނަށް ލިބޭތީ ތަނަވަހުގައި ދިރިއުޅުމަކީ އެފެންވަރުގައި ތިމާ ދިރިއުޅެން ބޭނުންވާންވީ ސަބަބެއް ނޫނެވެ. އަދި އެހެން މީހުން ދަރަނިވެރިވެގެން ތަކެތި ހޯދުމަކީ ތިބާއަށް އެގޮތަށް ދަރަނިވެރިވާންޖެހެންވީ ސަބަބެއް ނޫނެވެ.  

އެންމެ މުއްސަނދި މީހަކީ އެހެން މީހަކަށް ކަންކަމު ނުކިޔައި، އާދޭސްނުކޮށް ފުއްދައިގެން ދިރިއުޅޭ މީހާއެވެ. އޭނާގެ މުއްސަނދިކަން ނިކަން ދެކިބަލާށެވެ! ޤިޔާމަތް ދުވަހު މީހަކަށް ދޭންޖެހޭނެ އެއްވެސް އެއްޗެއްވެސް ނުއޮންނާނެއެވެ. އަދި މަރުވުމުން ދަރިންނަށް އުފުލަން ޖެހޭނެ ބުރައެއްވެސް ނުއޮންނާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން