ހަމަ އެކަކަށްވެސް އެއްގޮތަކަށްވެސް ޙިއްޞާކޮށްގެން ނުވާނެ ދެކަމެއް ވެއެވެ. އެއީ ތިބާގެ ބައިވެރިޔާގެ ހެޔޮކަމާ ތިބާގެ ތަނަވަސްކަމެވެ. މިއިން ކަމެއް އެހެން މީހަކަށް ޙިއްޞާ ނުކުރަންވީ ސަބަބުތައް ވަރަށް ގިނައެވެ، އެއިގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބު ބުނެލަން ހެއްޔެވެ؟
އެއީ އެކަންކަން ނުއެނގޭނަމަ ޙަސަދަވެރިވާނެ މީހުން މަދުވާނެތީއެވެ. އެމީހުންގެ ސަބަބުން ހުރަސްތައް ކުރިމަތިވުމާއި އެސްފީނާޖެހުމުގެ ފުރުޞަތު ކުޑަވާނެތީއެވެ. އެއިރުން އެއްކަމަކަށް ބައިވެރިޔާ އާއިއެކު އުފަލުގައި ދިރިއުޅުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި މަސައްކަތުގައި ކުރިއަރައިދާންވެސް މަގުތައް ފަހިވާނެއެވެ. އިން ޝާ ﷲ
ހަމައެފަދައިން ތިބާގެ ދިރިއުޅުމުގެ ޙަޤީޤަތް މީހުންނަށް ނުއެނގޭނަމަ ތިބާއަށް ގޮތްކިޔައިދޭ މީހުން މަދުވާނެއެވެ. އެއީ ތިބާއަށް ކަންކަން ކުރަންވީ ގޮތް އޮޅި ނުބައިކޮށް ކަންކަންކުރެވުމުން ސަލާމަތްވެވޭނެ މަގެކެވެ.
ހަމައެއާއިއެކު ވިސްނައިލާށެވެ! ކޮންމެހެން ބުނަން ނުޖެހޭ މީހުންގެ ގާތުގައި ދިރިއުޅުމުގެ ކަންކަން ކިޔައިދޭން ހޭދަކުރާ ވަޤުތަކީ އަމިއްލަ ދިރިއުޅުން ނުވަތަ މަސައްކަތް ކުރިއަރުވަން ވިސްނާ ވަޤުތުކަމަށް ހެދިއްޖެނަމަ ލިބޭ ކާމިޔާބީ ބޮޑުވާނެއެވެ.
މިފަދަކަންކަން މިގޮތަށް ހުރިނަމަވެސް ގިނަ ބައަކަށް އެމީހުންގެ އަމިއްލަ ލކަންކަމުގެ ވާހަކަ ނުދައްކައި ނުތިބެވެއެވެ. ނަތީޖާއަކަށްވަނީ ކުރިން ބުނިފަދައިން އަމިއްލަ ދިރިއުޅުމަށްވެސް އަދި ދިރިއުޅެން އާމްދަނީ ހޯދަން ކުރާ މަސައްކަތަށްވެސް ހުރަސް އެޅުމެވެ.
ޢާންމުކޮށްލާފައި ބުނަމެވެ. ބޭކާރު ވާހަކަ ދެއްކުން މަދުކުރާށެވެ. ކޮންމެ އެކުވެރިއަކަށް އިތުބާރުނުކުރާށެވެ! އަދި އެއްވެސް މީހަކަށް ދިރިއުޅުމުގެ ސިއްރުތައް ކިޔައި ނުދޭށެވެ. އަނިޔާ އާއި ގެއްލުން ލިބުން އިތުރުވުން ނޫންކަމެއް އެކަމަކުން ނުވާނެއެވެ.
- އަލަފް / މިއަދުނޫސް