އުފާވެރިކަން ލިބުމުގެ އިތުރުން ތަނަވަސްކަން އިތުރުވާނީވެސް ކައިވެނިކުރަން އަވަސްވެގަންނަ ފިރިހެނުންނަށް! މިހުރީ ސަބަބުތައް ފެންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
އުފާވެރިކަން ލިބުމުގެ އިތުރުން ތަނަވަސްކަން އިތުރުވާނީވެސް ކައިވެނިކުރަން އަވަސްވެގަންނަ ފިރިހެނުންނަށް! މިހުރީ ސަބަބުތައް ފެންނަން!

ކައިވެނިކުރަން ޝަރުޠު ހަމަވެއްޖެނަމަ އޮތީ އަވަހަށް ކައިވެނިކުރުމެވެ. އެއީ ހަމައެކަނި އެކަން އެގޮތަށް ކުރަން ދީނުގައި އޮތަތީއެއް ނޫނެވެ. އެކަމުން ދުނިޔޭގައިވެސް ތިމާއަށް ކުރާނެ ފައިދާ ބޮޑުވެފައި ގިނަވެސްކަމުންނެވެ. ޚާއްޞަކޮށް ފިރިހެނުންނަށެވެ. އަހުރެން ބަހެއް ބުނަން މިއުޅެނީވެސް ދީނީ ގޮތަކުން ނޫނެވެ. ދުނިޔަވީ ގޮތުންނެވެ.  

އަހުރެން މިދައްކަނީ ދެލޯބިވެރިންގެ ވާހަކަ އެކަންޏެއް ނޫނެވެ. ޢާންމުކޮށް އެންމެންގެ ވާހަކައެވެ. ލޯބިވެރިއަކު ހޯދައިގެންވިޔަސް ކައިވެނިކުރުމުގެ ވާހަކައެވެ. އެގޮތުން ބަލައިފިނަމަ ބުނަން އޮތީ ބުއްދިވެރި ފިރިހެނަކު ނަމަ އަވަހަށް ކައިވެނިކުރަން ބޭނުންވާނެ ކަމަށާއި އެކަން އަންނަނީ ފެންނަމުން ކަމަށެވެ. 

މިޒަމާނުގައި ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ މާބޮޑު ތަފާތެއް އޮންނަކަމަށް ބުނާކަށް ނެތީމެވެ. އެހެންކަމާއިއެކުވެސް ބުނަން ޖެހެނީ ފިރިހެނުންނަކީ އެމީހުންގެ ޠަބީޢަތުގައި ހުންނަގޮތުން އަންހެނަކާއި ނުލައި ދިރިއުޅެން ފަސޭހަ ބައެއް ނޫނެވެ. ވީމާ ކައިވެނިނުކުރާނަމަ ގިނަ އަނހެނުންތަކެއްގެ ފަހަތުން ދުވެވޭނެއެވެ. އެއިރުން ކުރަންޖެހޭ ޚަރަދުވެސް ބޮޑުވާނެއެވެ. ލިބޭ މުސާރަ ހުސްވުން އަވަސްވާނެއެވެ. ތަނަވަސްކަން ހުންނަ މީހުންގެ ތަނަވަސްކަންވެސް ދާނީ ހުސްވަމުންނެވެ.  

ހަމައެއާއިއެކު ގިނަ ފިރިހެނުންނަކީ އެމީހުންނަށް ބޭނުންވާ ބައެއް ކަންކަން އަމިއްލަ އަތުން ކުރަން ބޭނުންވާ ބައެއް ނޫނެވެ. އެކަންކަމަށް އަންހެނެއްގެ އެހީތެރިކަމަށް ބޭނުންވާ ބައެކެވެ. އެއިގެ ތެރޭގައި ކެއްކުމާއި ދޮވެއިސްތިރިކުރުމާއި ގޭތެރެ ސާފުކުރުމާއި ކޮޓަރިތެރެ ތަރުތީބުކުރުން ފަދަ ކަންކަން ފާހަގަކުރެވެއެވެ.  

އަދިވެސް ކީއްހެއްޔެވެ؟ ގިނަ ފިރިހެނުންނަށް އެންމެ ބޮޑަށް ހިތްހަމަޖެހުން ލިބޭ އެއްކަމަކީ އެމީހުންގެ ގާތުގައި އަބަދުވެސް އަންހެނަކު ހުރުމެވެ. އަދި އަނބިމީހާއަކީ އޭނާއަށް ޤަދަރުކުރާ، އޭނާގެ އަގުހިފަހައްޓާ މީހަކުކަމުގައިވުމެވެ.  

މިކަންކަން މިގޮތަށް ފިރިހެނުންގެ ކިބައިގައި ހުންނަ ސަބަބާއިމެދު ބަހުސްކުރެވިދާނެއެވެ. ދުނިޔަވީ ސަބަބުތައްވެސް ދެއްކިދާނެއެވެ. ނަމަވެސް އަހުރެންގެ ވިސްނުން ތަފާތެވެ. އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި މިކަންކަން ފިރިހެނުންގެ ކިބައިގައި ﷲ ތަޢާލާ ލައްވަވާފައި އެވަނީ އެއްބައަކު އަނެއް ބައަކަށް ބޭނުންވުމަށްޓަކައެވެ. ދެމީހުން ކައިވެނިކޮށް ރަނގަޅު ދިރިއުޅުމެއް އުޅުމުގެ މުހިންމުކަން ބޮޑުވުމުންނެވެ. އަންހެނުން ފިރިހެނުންނަށް ބޭނުން ނުވެފައި ފިރިހެނުން އަންހެނުންނަށް ބޭނުން ނުވާނަމަ އިންސާނީ ދަރިފަސްކޮޅު ދެމިގެނެއް ނުދާނެއެވެ.   

ހަރުދަނާ ރަނގަޅު ފިރިހެނުން އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ މައިންބަފައިންނާއި ވަކިން ވީހާއަވަހަކަށް އަމިއްލަ ދިރިއުޅުމެއް ފެށުމެވެ. އެކަންކުރެވޭނީވެސް ރަނގަޅު އަންތބަކު ހުރެގެންނެވެ.  

ރަނގަޅަށް ޙިސާބުޖަހައިފިނަމަ އެނގޭނެއެވެ. އަންތބަކު ނެތުމަކީ ފިރިހެނުންގެ އެކައުންޓުގައި ފައިސާ ގިނަކުރެވޭ ސަބަބެއް ނޫނެވެ. ހިލޭ އަންހެނުންނަށް ކުރެވޭ ޚަރަދުތައް މާގިނަވާނެއެވެ. އަދި އެގޮތަށް ހިލޭ އަންހެނުންނަށް ކުރާ ޚަރަދުތައް ވެގެންދާނީ އެއްވެސް ފައިދާއެއް ނުކުރާނެ ބޭކާރު ޚަރަދުތަކަކަށެވެ.  

މިއީ އަޅުގަނޑަށް ވިސްނޭ ގޮތެވެ. ކުރިން ބުނިފަދައިން ޚިޔާލުތަފާތުވެދާނެއެވެ. އެކަމަށް ދެބަހެއް ނުވަމެވެ. މިވާހަކަ ބުނެލަން ބޭނުންވީ ލޯބިވާކަމަށް ބުނެ ކައިވެނިނުކޮށް ލަސްކުރާ ފިރިހެނުންނާއިމެދު ހޭލުންތެރިކުރުވުމެވެ. އިސްވެ މިބަޔާންކުރި ސަބަބުތަކަށް ބަލައި އަޅުގަނޑަށް ބުނެވޭނީ ކައިވެނިކުރުން ލަސްކުރާނަމަ އެމީހަކާއިމެދު ސަމާލުވާންޖެހޭނެ ކަމަށެވެ. އެމީހަކީ ރަނގަޅު ދިރިއުޅުމަކަށް ވިސްނާ ހަރުދަނާ މީހަކަށް ނުވުން އޮންނާނީ ވަރަށް ގާތުގައެވެ.

 

- ޙަބީބާ / މިއަދުނޫހުގެ ކިޔުންތެރިއެއް                            

މިއަދު އޮންލައިން