ޒިނޭކުރީމާ ފާފަވެރިވާނީ އެމީހަކު ކަމަށްވާއިރު ޒިނޭކުރާނަމަ މުޅި ޢާއިލާއަށް އެކަމުގެ އަސަރުކުރާނެ ކަމަށް އެބުނަނީ ކީއްވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިމިވާ ހާދިސާ ކިޔާލައި ރަނގަޅަށް ވިސްނައިލާށެވެ! އެއިރުން ސުވާލުގެ ޖަވާބު ވަރަށް ރަނގަޅަށް ލިބޭނެއެވެ. އިން ޝާ ﷲ
އޭނާ ކަރުނައަޅައި ރޮމުން ކިޔައިދިނެވެ.!
އެއްދުވަހު ގެއަށް ގޮސް ވަންއިރު މަންމަ އޮތީ ތަޅުންގަނޑު މައްޗަށް ވެއްޓިފައެވެ. އެތައް މަސަކަތަކުން ހޭ އަރުވާއިރަށް ހޭ ނެތެނީއެވެ. އެގޮތަށް 3 ފަހަރު ވުމަށްފަހު މަންމަ އަށް ބުނެވުނީ އެންމެ ޖުމުލައެކެވެ. "ކަލޭގެ އަންހެން ކޮއްކޮ!" މިފަދައިންނެވެ.
އެތައް މަސައްކަތަކުން އެނގުނީ އަވަށްޓެރިޔާ އާއި ޒިނޭކޮށްގެން ކޮއްކޮ އިނީ ބަލިވެ ކަމެވެ. ވަގުތުން އޭނާ ހޯދީމެވެ. އަދި ސުވާލުކުރުމުން އަނގައިން ނުބުނެ ހުންނަން ފެށުމުން އަނިޔާވެސް ކުރީމެވެ. އެންމެފަހުން އޭނާ ބުނީ އަހަރެންގެ ކޮއްކޮ ނުވެސް ދަންނަ ކަމަށެވެ. އަދި އެކަން ކުރި މީހަކު ހޯދަން މަސައްކަތްކުރުމަށެވެ. އެބަސްވީ އަހަރެންގެ މެއަށް ހަރައިލި ތީރަކަށެވެ.
އެއީ ކިޔަވަން އުޅުނު ދުވަސްވަރު އަހަރެންގެ ސަބަބުން އަންހެން ކުއްޖަކު ބަލިވެ އިނުމުން ހަމަ އެޖަވާބު އަހަރެން ދީފައިވާތީއެވެ. އެހެންވެ ވަގުތުން އެނބުރި އައީއެވެ.
އެއިގެ 3 އަހަރު ފަހުން އަލަތު ކައިވެނި ކުރީމެވެ. ކައިވެނިކުރި ފަހުން އެނގުނީ އޭނާއަކީވެސް ޒިނޭކޮށްފައިވާ އަންހެނެއްކަމެވެ. ޝުކުރުކުރީމެވެ. އަހަރެން ކުރި ފާފަ އަހަރެންގެ ފަހަތުން އަންނަނީކަން އެނގޭތީއެވެ.
ކައިވެންޏަށް އަންހެން ދަރިއަކު ލިބުނެވެ. ނުހަނު ލޯބިން ދަރިފުޅު ބަލައި ބޮޑުކުރަމުން ދަނިކޮށް ދަރިފުޅުގެ އުމުރުން އެންމެ 6 އަހަރުގައި އެނގުނީ ކޮންމެވެސް މީހަކު ދަރިފުޅު ރޭޕްކުރިކަމެވެ. ބާލިޣްވެސް ނުވަނީހެވެ! އެދުވަހު އަހަރެންގެ ހިތަށް ކުރި އަސަރު ދެކެދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ. އައި ރުޅިއާއި ވީދެރަ އެންމެ ބޮޑަށް ދެނެވޮޑިގެންވާނީ ހަމަ ﷲ ތަޢާލާއެވެ.
އަހަރެން މިވާހަކަތައް މިކިޔައިދިނީ އެންމެ ބޭނުމަކުއެވެ. ޒިނޭކުރުމަކީ ކިހައިވަރެއްގެ ނުބައި އަމަލެއްކަން ނުއެނގި ތިބެ ޒިނޭ ކުރުން މިއަދު މިވަނީ މުޅި ދުނިޔެއަށް ޢާންމުވެފައެވެ. އެކި މީހުންގެ ފަހަތުން އެމީހާކުރި ފާފަތައް ދުވާނީ އެކިވަރަށެވެ. ނޫސްތައް ބަލައިލުމުން ކޮންމެ ދުވަހަކުވެސް މިފެންނަނީ ކުދި ދަރިން ރޭޕްކުރާ ވާހަކަތަކެވެ. ހަމަ އެންމެ މީހަކުވެސް އެމީހަކަށް ޒިނޭ ކުރެވުނު ކަމާއިމެދު ވިސްނައިލާބާވައެވެ!
ޒިނޭ ކުރުމުގެ އިތުރުން ޒިނޭ އާއި ކައިރިނުވުމަށް ﷲ ތަޢާލާ އަންގަވާފައިވަނީ އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމުގެ ބޮޑުކަމުންކަން މިއަދު އަހަރެންނަށް ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ. އެކަން މިވަނީ ވަރަށް ބޮޑަށް ތަޖުރިބާ ކުރެވިފައެވެ.
ޒިނޭ ކުރުމުގެ ހުއްދައަށް އެދި ރަސޫލް (ﷺ)ގެ އަރިއަހަށް ދިއަ ޒުވާނާއަށް ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވި ޙިކުމަތުން ފުރިގެންވާ ބަސްފުޅުތައް މިއަދު އަހަރެންނަށް ޤަބޫލުކުރެވިއްޖެއެވެ. "އެއްވެސް މީހަކު ތިބާގެ މަންމަ އާއި އެއްބަނޑު އަނހެނާ އާއި ބޮޑު ދައިތައާއި އަދި ތިބާގެ އަނހެން ދަރިފުޅާއި ޒިނޭކުރަން ތިބާ ރުހޭނަމުތޯ ކުރެއްވެވި ސުވާލުތަކުގެ މުހިންމުކަން މިއަދު ވިސްނިއްޖެއެވެ. ނަމަވެސް ވަގުތު މިވަނީ ފާއިތުވެފައެވެ.
އަހަރެންގެ ހަމައެކަނި އެދުމަކީ އަހަރެންނަށް ކުރިމަތިމިވީ ކަންކަމުން އިބްރަތް ޙާޞިލުކުރުމެވެ!
- މިޞުރުގެ ނޫހަކުން