ރާއްޖޭގެ ދެކުނުގެ މައި ސިޓީ ކަމަށްވާ އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުން، އައްސޭރި ޓޫރިޒަމްގެ ދަށުން 300 އެނދުގެ މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް ބެލެވޭ މަޝްރޫޢެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. ރައީސްގެ މި ދަތުރުފުޅުގައި ވަނީ އައްޑޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ހާމަކުރައްވާފައެވެ.
މިއެއްބަސްވުމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޝާތު ރަޝީދެވެ. އަދި މި މަޝްރޫޢު ހިންގާ ފަރާތް ކަމަށްވާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯފަރޭޝަން (އެމް.ޓީ.ޑީ.ސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކޯފަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޔާޒެވެ.
އައްޑޫ ސިޓީގައި މިހާރުވެސް ގިނަ އަދަދެއްގެ ގެސްޓްހައުސްތަކާއި ރިސޯޓްތައް ހިންގަމުންދާއިރު، އިތުރު 300 އެނދު އިތުރުވުމަކީ ސިޓީގެ ފަތުރުވެރިކަމުގެ ޤާބިލުކަން އިތުރުކޮށް، ސަރަޙައްދީ އިޤްތިޞާދު ވަރުގަދަ ކުރުމަށް އެޅޭނެ މުހިންމު ބިންގަލެކެވެ.