ރެޒިޑެންސީ ބައި އިންވެސްޓުމަންޓު ޕްރޮގްރާމު އަންނަ އަހަރުގެ ރާއްޖޭގައި ފަށަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރެޒިޑެންސީ ބައި އިންވެސްޓުމަންޓު ޕްރޮގްރާމު އަންނަ އަހަރުގެ ރާއްޖޭގައި ފަށަން ނިންމައިފި

ރާއްޖޭގައި އިންވެސްޓުކޮށްގެން ދިރިއުޅެވޭ ގޮތަށް ހިންގާ 'ދަ މޯލްޑިވްސް ޕާލް ރެޒިޑެންސް' ނަމަކަށް ކިޔާ ރެޒިޑެންސީ ބައި އިންވެސްޓުމަންޓު ޕްރޮގްރާމު، އަންނަ އަހަރުގެ އޭޕްރީލް މަހު ފެށުމަށް ނިންމާފައިވާކަން އިޢުލާނުކޮށްފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ އިޤްތިޞާދަށް އާ ދޮރުތަކެއް ހުޅުވައިދޭނެ ކަމަށް ބެލެވޭ ޕްރޮގްރާމެކެވެ.

މިކަން އިޢުލާންކޮށްފައިވަނީ ލަންޑަނުގައި މިހާރު ކުރިއަށްދާ 19 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ. ވަޒީރު ސަޢީދު މި ޕްރޮގްރާމު ރަސްމީކޮށް ތަޢާރަފުކޮށްދެއްވިއިރު، މިއީ ރާއްޖޭގެ އިޤްތިޞާދީ ތަފާތުކުރުމާއި ދެމެހެއްޓެނިވި ކުރިއެރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ފަށާފައިވާ މަސައްކަތެކެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިކަމާ ގުޅިގެން ބުނެފައިވަނީ، ދަ މޯލްޑިވްސް ޕާލް ރެޒިޑެންސް' އަކީ އިސްލާޙީ އިންވެސްޓްމަންޓްގެ އާ ދައުރެއް ތަމްސީލުކޮށްދޭ ޕްރޮގްރާމެއް ކަމަށާއި މިއީ އީޖާދީ، ދެމެހެއްޓެނިވި، އަދި ދިގު މުއްދަތުގެ އަގު ހިމެނޭ ފުރުސަތުތައް ފަހިކޮށްދޭނެ ޕްރޮގްރާމެއްކަމަށެވެ. 

މި ޕްރޮގްރާމުގެ ރަސްމީ އިފްތިތާޙު އޮންނާނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވެ، އިޤްތިޞާދީ ހަރަކާތްތައް ފުޅާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމަކީ ދުނިޔޭގެ އެހެން ގިނަ ޤައުމުތަކުގައި ވެސް ކާމިޔާބުކަމާއެކު ހިންގާ ޕްރޮގްރާމެކެވެ.

މިއަދު އޮންލައިން