ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި، އެ ސިޓީގައި ޔޫތު ތަރޑް ސްޕޭސްއަކާއި ހިތަދޫގައި އައު ސެންޓްރަލް ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.
މި ދެ މަޝްރޫޢަކީވެސް އައްޑޫ ސިޓީގެ އިޖުތިމާޢީ އަދި ތަރައްޤީގެ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫޢުތަކެކެވެ.
އައްޑޫ ސިޓީ ޔޫތު ތަރޑް ސްޕޭސް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކުރެއްވީ ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އިބްރާހީމް ވަހީދެވެ. އަދި ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ޙުސައިން ޢަބްދުއްރަޙްމާނެވެ. މި ސްޕޭސްއަކީ ޒުވާނުންނަށް މުނިފޫހިފިލުވުމާއި، ހުނަރު ތަރައްޤީކުރުމުގެ ފުރުސަތުތައް ފަހިކޮށްދޭނެ މަރުކަޒެއްގެ ގޮތުގައި ބެލެވެއެވެ.
ހިތަދޫގައި ތަރައްޤީކުރާ އައު ސެންޓްރަލް ޕާކްގެ މަސައްކަތް ހަވާލުކުރެއްވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރެވެ. މި ޕާކަކީ އައްޑޫގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.