4633 އަށްވުރެ ގިނަ މީހުން ހުއްޓުވައި ސުވާލުކުރިއިރު، 78 މީހުންފިޔަވާ އެންމެންގެ ކުށުގެ ރިކޯޑު އޮތް: ފުލުހުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
4633 އަށްވުރެ ގިނަ މީހުން ހުއްޓުވައި ސުވާލުކުރިއިރު، 78 މީހުންފިޔަވާ އެންމެންގެ ކުށުގެ ރިކޯޑު އޮތް: ފުލުހުން

މާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި މަގުތަކަކަށް ހެދުމަށްޓަކައި މާލެ ޕޮލިހުން ފާއިތުވި އޮކްޓޫބަރު މަހު ހިންގި އޮޕަރޭޝަންތަކުގައި، ހުއްޓުވައި ސުވާލުކުރި 4633 މީހުންގެ ތެރެއިން 4555 މީހުންނަކީ ކުށުގެ ރިކޯޑު އޮތް ބަޔަކު ކަމަށް ފުލުހުން ބުނެފިއެވެ.

މިއީ ހުއްޓުވައި ސުވާލުކުރި މީހުންގެ ތެރެއިން 78 މީހުން ފިޔަވައި އެންމެން ކުށުގެ ރިކޯޑު އޮތް ބައެއްކަން ހާމަވާ އަދަދެކެވެ. މި ތަފާސްހިސާބުތަކުން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވާ ކުށުގެ ރިކޯޑު އޮތް މީހުންގެ ނިސްބަތް ބޮޑުކަން ފާހަގަވެއެވެ.

ފުލުހުން ހާމަކުރި ފާއިތުވި އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާލޭގެ ސަލާމަތީ ހާލަތު ރަނގަޅުކުރުމަށްޓަކައި ފުލުހުން ވަނީ ޖުމްލަ 26262 ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. އަދި މީގެ އިތުރުން، މާލެ ތެރޭގައި ފައި މަގުގައި ޕެޓްރޯލްކުރުމަށް ޖުމްލަ 1136 ގަޑިއިރާއި 8 މިނެޓު ހޭދަކޮށްފައިވެއެވެ. މި މަސައްކަތްތަކުގެ ދަށުން 4633 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ކުށުގެ ރިކޯޑު އޮތް 4555 މީހުންނާއި ރިކޯޑު ނެތް 78 މީހުންނެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން ބިދޭސީންނާ ގުޅޭގޮތުން ކުރިއަށްގެންދިޔަ މަސައްކަތްތަކުގައި ގަވާއިދާ ހިލާފަށް އުޅުނު ދެ ބިދޭސީއަކު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މާލޭގެ އަމަން ނަގާލާ ފަރާތްތަކާ ދެކޮޅަށް ފުލުހުންގެ ހަރަކާތްތައް ވަރުގަދަ ކުރުމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ލިބުނު ޖަވާބެކެވެ.

ފާއިތުވި މަހު މާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުން ވަނީ ޖުމްލަ 151 ސީންއަކަށް އެޓެންޑުވެފައެވެ. މި ހާދިސާތަކުގެ ތަފާސްހިސާބަށް ބަލާއިރު، އެކްސިޑެންޓްގެ 14 ސީންއަކާއި، ވައްކަމުގެ 112 ސީންއަކާއި، ފޭރުމުގެ 7 ސީންއަކާއި، މާރާމާރީގެ 18 ސީން ހިމެނެއެވެ. މި އަދަދުތަކުން އެންމެ ގިނައިން ހިނގާފައިވަނީ ވައްކަމުގެ މައްސަލަތައްކަން ފާހަގަވެއެވެ.

ކުށްމަދުކުރުމުގެ މަސައްކަތުގެ އިތުރުން، މާލެ ފްރޮންޓް ލައިންގައި މަސައްކަތްކުރި ފުލުހުން ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އާންމުން ހޭލުންތެރިކުރުމަށްޓަކައި އެކި ގޮތްގޮތަށް ޖުމްލަ 28 ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ މަޤްޞަދަކީ އާންމުންގެ އެއްބާރުލުން ހޯދައިގެން މާލެއަކީ އެންމެންނަށް އަމާންވެފައިވާ ތަނަކަށް ހެދުމެވެ.

މިއަދު އޮންލައިން