އައްޑޫސިޓީ ހަންކެޑެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
އައްޑޫސިޓީ ހަންކެޑެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްފި

އައްޑޫސިޓީގެ ފަތުރުވެރިކަމަށް މުހިންމު ހަންކެޑެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް އަލުން ހުޅުވާލުމަށްފަހު، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބަލައިގަތް ޕްރޮޕޯސަލަކަށް މިހާރު ވަނީ ހަވާލުކުރިކަމުގެ ސިޓީ ދޫކޮށްފައެވެ.

ރައީސް މިކަން ހާމަކުރެއްވީ އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ، އެ އިންވެސްޓަރަށް އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މަޝްރޫޢުގެ އެކުއިޒިޝަން ކޮސްޓް ދައްކަން ފުރުސަތު ދީފައިވާ ކަމަށެވެ. އަދި މި ފައިސާ ދެއްކުމަށްޓަކައި އެ ބޭފުޅުން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަޝްރޫޢުގެ ދާއިރާއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ: "ޓޫރިޒަމް މިނިސްޓަރު އަޅުގަނޑަށް މިއަދުވެސް ޔަގީންކަން ދެއްވި، އެ ބޭފުޅުން އެބަ މަސައްކަތްކުރެޔޭ ހަފުތާއެއްހާ ދުވަސްތެރޭގައި ވެސް އެ ޕޭމެންޓް ހަދަން. ހެދިއްޖިއްޔާ ލީސް އެގްރީމަންޓްގައި ސޮއިކުރާނެ، އޭގެ ތެރެއިން އެ ބޭފުޅުން އެބަ ހަދާ މަދުވެގެން 1،000 އެނދުގެ ޓޫރިޒަމް ޕްރޮޖެކްޓެއް އެތަނުގައި. އެއީ ޖުމްލަ 3،000 އެނދުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި."

މި ސަރުކާރުން މި ފުރުސަތު އަލުން ހުޅުވާލެއްވީ، ކުރީގެ ސަރުކާރުން މި މަޝްރޫޢު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (MFMC) އާ ހަވާލުކުރުމަށް ނެރުނު ގަރާރު އުވާލެއްވުމަށްފަހުއެވެ. އެގޮތަށް އަމަލުކުރެއްވީ، އެކަމުގައި ދޮޅު އަހަރު ހޭދަވިއިރުވެސް ފައިސާގެ ކަންކަން ހަމަނުޖެހި ދިގުލައިގެން ދިއުމުން ދާއިމީ ހައްލެއް ގެނައުމުގެ މަޤްޞަދުގައެވެ.

ހަންކެޑެ މަޝްރޫޢަކީ އައްޑޫސިޓީގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް ބެލެވޭ މަޝްރޫޢެކެވެ.

މިއަދު އޮންލައިން