ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، 12 ރަށެއްގައި ޖުމްލަ 725 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ އެކި ކުންފުނިތަކާ ކަމަށް ވާއިރު، މިއީ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ކުޑަކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢުތަކުގެ ދަށުން ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަދަދު ތަފާތެވެ. އެގޮތުން 25 ޔުނިޓާއި، 50 ޔުނިޓާއި، 75 ޔުނިޓާއި، 100 ޔުނިޓުގެ މަޝްރޫޢުތައް ހިމެނެއެވެ. އެންމެ ގިނަ ޔުނިޓު (100 ޔުނިޓު) ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ޅ. ނައިފަރާއި، ލ. ގަމާއި، ލ. ފޮނަދޫގައެވެ. މި މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް އަލްޓެކް މޯލްޑިވްސްއާ ވަނީ ހަވާލުކޮށްފައެވެ.
އަލްޓެކް މޯލްޑިވްސްއާ ހަވާލުކުރި މަޝްރޫޢުތަކުގެ ތެރޭގައި ދ. މީދޫގައި 25 ހައުސިން ޔުނިޓު، އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓު، އަދި ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު ހިމެނެއެވެ. މީގެ އިތުރުން، ބ. އޭދަފުށީގައި 75 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ގްލެޓް އިންވެސްޓްމަންޓްސްއާ ވަނީ ހަވާލުކޮށްފައެވެ. އަދި މ. މުލަކުގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް އޮކްސްރޯއާ ހަވާލުކުރެވުނެވެ.
ދެކުނުގެ ބައެއް ރަށްރަށުގައި ވެސް މި މަޝްރޫޢުތައް ހިންގުމަށް ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ގދ. މަޑަވެލި (50 ޔުނިޓު) މިމްސް ކޮންސްޓްރަކްޝަނަށް، ގދ. ގައްދޫ (50 ޔުނިޓު) ވޭވްލެންތަށް، އަދި ގދ. ތިނަދޫ (50 ޔުނިޓު) ސްވިފްޓު އިންޖިނިއަރިންއަށް ހަވާލުކޮށްފައިވެއެވެ. ލ. ގަމުގައި 100 ޔުނިޓު އަލާފް ޕްރައިވެޓް ލިމިޓެޑަށް، އަދި ލ. ފޮނަދޫގައި 100 ޔުނިޓު ވައިޓް ލިންކްސްއަށް ހަވާލުކުރެވުނެވެ.
މީގެ އިތުރުން ގއ. ވިލިނގިލީގައި 25 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ފްލެކްސިންކަށް ހަވާލުކުރިއިރު، ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް ވެސް ވަނީ ފްލެކްސިންކާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތައް ހަވާލުކުރުމާއެކު، ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ޙައްލުތައް ފޯރުކޮށްދިނުމަށް ދޭ އަހަންމިއްޔަތުކަން ފާހަގަކުރެވެއެވެ.