ށ. ބިލެތްފަހި، ބ. ކަމަދޫ ބ. ފެހެންދޫ އަދި ބ. ފުޅަދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. މީގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.
މި އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޒް ޢަބްދުﷲ ސަޢުދާންއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަވާދުއެވެ.
މި މިސްކިތްތަކުގައި އަންހެނުންނާއި ފިރިހެނުން ވަކިން ނަމާދު ކުރާ ބަޔާއި ވުޟޫ ކުރާ ބައިގެ އިތުރުން ލައިބްރަރީއާއި ކުލާސްރޫމު ހިމެނޭނެއެވެ. އަދި މިސްކިތްތަކުގައި ސޯލާ ނިޒާމު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޠާސީ ދައުރުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ކުރިއަށް ގެންދިއުމަށް ވަޢުދުވެލައްވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެެކެވެ.
ހަބަރު: އިސްލާމިކް މިނިސްޓްރީ