ބަޖެޓު ދިރާސާކުރުމަށް ކޮމިޓީ އެކުލަވާލާފައި މުގައްރިރަކަށް ސަލީމް، ނައިބު މުގައްރިރަކަށް އަލީ ފަޒާދު އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ބަޖެޓު ދިރާސާކުރުމަށް ކޮމިޓީ އެކުލަވާލާފައި މުގައްރިރަކަށް ސަލީމް، ނައިބު މުގައްރިރަކަށް އަލީ ފަޒާދު އައްޔަންކޮށްފި

ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެން އެކުލަވާލި ޚާއްސަ ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އައްޔަންކޮށްފިއެވެ. އަދި މި ކޮމިޓީގެ ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ ހޮވާފައެވެ. މި ދެ ބޭފުޅުން އައްޔަންކުރެއްވީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުންނެވެ.

ބަޖެޓު ދިރާސާކުރުމަށް އެކުލަވާލި މި ޖޮއިންޓް ކޮމިޓީގައި ޖުމްލަ 22 މެންބަރުން ހިމެނެއެވެ. މި ކޮމިޓީ އެކުލަވާލާފައިވަނީ ބަޖެޓާ ގުޅުންހުރި މުހިންމު ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެން ކަމަށްވުމުން، ދައުލަތުގެ މާލީ ކަންކަމާއި އިގްތިސާދީ ސިޔާސަތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކުރުމުގެ ފުރުސަތު މި ކޮމިޓީއަށް ލިބިގެންދާނެއެވެ.

މި ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ ތަފާތު ދާއިރާތައް ތަމްސީލުކުރައްވާ މެންބަރުން ހިމެނެއެވެ. މުގައްރިރާއި ނައިބު މުގައްރިރާ އެކު މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރޭގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، މައްޗަންގޯޅި މެދު ދާއިރާގެ އަހުމަދު ޟަމީރު، ކެލާ ދާއިރާގެ ޢަބްދުﷲ ޝަރީފް، ހަނިމާދޫ ދާއިރާގެ ޢަބްދުއްޣަފޫރު މޫސާ، ކަނޑިތީމު ދާއިރާގެ އަމީން ފައިސަލް، ފުނަދޫ ދާއިރާގެ މުޙައްމަދު މަމްދޫހު، ކެނދިކުޅުދޫ ދާއިރާގެ މުޙައްމަދު ޢަފޫ ހާމިދު، ވެލިދޫ ދާއިރާގެ މުޙައްމަދު ޢައްބާސް، ކުރެންދޫ ދާއިރާގެ މުޙައްމަދު ޝާމިން ހަބީބު، މާމިގިލި ދާއިރާގެ ގާސިމް އިބްރާހިމް، ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމް، ގުރައިދޫ ދާއިރާގެ ހަނާން މުޙައްމަދު ރަޝީދު، ގެމަނަފުށި ދާއިރާގެ އަސަދުﷲ ޝިހާބު، ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ، ފަރެސްމާތޮޑާ ދާއިރާގެ އަޝްރަފް ރަޝީދު، ފުވައްމުލައް އުތުރު ދާއިރާގެ ޙަމަދު ޢަބްދުﷲ، ފޭދޫ އުތުރު ދާއިރާގެ އިސްމާޢިލް ނިޒާރު، މަރަދޫ ދާއިރާގެ އަހްމަދު ދީދީ، ހިތަދޫ މެދު ދާއިރާގެ އަހުމަދު އަޒާން މަރުޒޫގު، އަދި ހިތަދޫ ދެކުނު ދާއިރާގެ އިބްރާހިމް ނާޒިލް ހިމެނިވަޑައިގަންނަވައެވެ.

މި ކޮމިޓީގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު، އެ ބަޖެޓު ދިރާސާކޮށް، މަޖިލީހުގެ ޢާންމު ބަޙުޘަށް ފޮނުވުމުގެ ކުރިން ބަޖެޓާ ގުޅޭ ގޮތުން ފާހަގަކުރަންޖެހޭ ކަންކަން ފާހަގަކޮށް، ރިޕޯޓެއް އެކުލަވާލުމެވެ. މި ކޮމިޓީ އެކުލަވާލުމާއެކު، ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެއެވެ.

މިއަދު އޮންލައިން