ފަތުރުވެރިކަން ހަރުދަނާކޮށް، ފަސިންޖަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބްރިޓިޝް އެއާވޭސްއާ އެކު ފައިދާހުރި ބައްދަލުވުމެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ފަތުރުވެރިކަން ހަރުދަނާކޮށް، ފަސިންޖަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބްރިޓިޝް އެއާވޭސްއާ އެކު ފައިދާހުރި ބައްދަލުވުމެއް ބާއްވައިފި

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމާއި، ބްރިޓިޝް އެއާވޭސްއިން ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމުގެ މަގުތައް ހޯދުމަށް، ވޯލްޑް ޓްރެވަލް މާކެޓް 2025 (WTM2025) ގައި ބްރިޓިޝް އެއާވޭސްގެ އިސްވެރިންނާ އެކު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ދެފަރާތުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި، އިތުރު ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުން ބޭއްވުނީ، ކޮންމެ އަހަރަކު ލަންޑަންގައި ބާއްވަމުންދާ ދުނިޔޭގެ އެންމެ ބޮޑު އެއް ފަތުރުވެރިކަމުގެ މައުރަޒު ކަމަށްވާ WTM2025 ގެ ތެރެއިންނެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް އަދި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (MMPRC) ގެ އިސް ބޭފުޅުންނެވެ. ބްރިޓިޝް އެއާވޭސްއަކީ ޔޫރަޕްގެ މުހިންމު ބާޒާރަކުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނެސްދޭ އެއާލައިނެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދެގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ރާއްޖެއަށް އައުމުގައި ލުއިފަސޭހަ ގޮތްތައް ހޯދުމާއި، ރާއްޖޭގެ ރީތިކަމާއި ތަފާތުކަން ދުނިޔެއަށް އިޝްތިހާރުކުރުމެވެ. ހާއްސަކޮށް، ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ހަރުދަނާކޮށް، ފަތުރުވެރިންނަށް ރާއްޖެއަށް ކުރާ ދަތުރުގެ ތަޖުރިބާ، ފުރުމުން ފެށިގެން އެނބުރި ގައުމަށް ދިއުމާ ހަމައަށް، ހަމަޖެހޭ އަދި ފަސޭހަ ތަޖުރިބާއަކަށް ހެދުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

މިފަދަ ބައްދަލުވުންތަކަކީ، މޯލްޑިވްސްގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރުމަށް ވަރަށް މުހިންމު ބައްދަލުވުންތަކެކެވެ. ބްރިޓިޝް އެއާވޭސްއާ އެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަކީ، މޯލްޑިވްސްއަށް ޒިޔާރަތްކުރާ ޔޫރަޕްގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ދެކެއެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން