ޤާނޫނުތަކާއި އިދާރީ ހިންގުމުގައި ރާއްޖެއިން އިސްކުރާނީ އިސްލާމްދީނުގެ އަސާސްތައް: ބަންޑާރަނައިބު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 12ސ
ޤާނޫނުތަކާއި އިދާރީ ހިންގުމުގައި ރާއްޖެއިން އިސްކުރާނީ އިސްލާމްދީނުގެ އަސާސްތައް: ބަންޑާރަނައިބު

ބަންޑާރަ ނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އިދާރީ ހިންގުމުގެ ހުރިހާ ކަމެއްގައި އިސްކުރާނީ އިސްލާމްދީނުގެ އަސާސްތައް ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށްގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ބަންޑާރަ ނައިބު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އިޖްތިމާޢީ އޮނިގަނޑުގެ އަސްލަކަށް އިސްލާމްދީން އޮންނަތާ 8 ގަރުނު ވެފައިވާއިރު، މިކަން ދަމަހައްޓައި، ޤާނޫނުތަކާއި އިދާރީ ހިންގުމުގައި ރާއްޖެއިން އިސްކުރާނީ އިސްލާމްދީނުގެ އަސާސްތަކަށް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިންގެ އިޖްތިމާޢީ ފޭރާމާއި އަމިއްލަވަންތަކަން އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފުވާ އެއްވެސް ކަމަކަށް ޖާގަ ނުދެވޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި ވެސް މި އަސާސީ އުސޫލުތަކާ އެއްގޮތަށް، ދުސްތޫރީ އޮނިގަނޑަށާއި، ބައިނަލްއަޤްވާމީ ގޮތުން ރާއްޖެ ބައިވެރިވާ މުޢާހަދާތަކަށް އިޙްތިރާމްކުރާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އިސްލާމް ދީނުގެ އަސްލަކާއި ޚިލާފު ނުވާގޮތަށް ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަހިކޮށްދީފައިވާކަން ފާހަގަކުރައްވައި، ޤާނޫނު އަސާސީން ކޮންމެ ފަރުދަކަށްވެސް ކަށަވަރުކޮށްދީފައިވާ ހައްޤުތައް ސަރުކާރުން ހިމާޔަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ޚިޔާލު ފާޅުކުރުމުގެ ނަމުގައި ޤައުމުގެ ހަމަޖެހުން ނަގާލައި، ނަފްރަތު އުފެދޭ ވާހަކަތަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، "އަޅުގަނޑުމެން ނަފްރަތު އުފެދޭ ވާހަކަތަކަށާއި، އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ފަރާތްތަކާއި އިޖްތިމާޢީ ޖަމިއްޔާޔާ ޖަމާޢަތަކަށް ބިރުދެއްކުން ބަލެއް ނުގަންނަން. އޮންލައިންކޮށް އަދި އެނޫންވެސް ގޮތްގޮތަށް މި ދެވޭ އިންޒާރުތައް ހުއްޓުވުމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެބަ އޮވޭ."

އަދި ނަފްރަތު އުފެދޭ ވާހަކަތަކަކީ ޖިނާޢީ ކުށެއް ކަމަށާއި، ސައިބަރ ކްރައިމްއާއި ދެކޮޅަށް މަސައްކަތް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެކު ރައްކާތެރި އޮންލައިން މާހައުލެއް ފޯރުކޮށްދީ ޖަވާބުދާރީކުރެވޭނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކަށް ޤާނޫނުގެ ތެރެއިންނާއި އެނޫން ގޮތްގޮތުން ވެސް ހިމާޔަތް ހޯދޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، ބަންޑާރަ ނައިބު ވަނީ ޝަރުޢީ ދާއިރާއާއި އެހެނިހެން ބައެއް ދާއިރާތަކުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ޝަރުޢީ ދާއިރާގައި ހާސިލްކުރަން ކަނޑައަޅާފައިވާ ޤައުމީ އަމާޒަށްވުރެ އިތުރަށް އަންހެން ފަނޑިޔާރުން ހަރަކާތްތެރިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން