އެއީ އަހުރެމެންގެ ކައިވެންޏަށް ތައްޔާރުވަމުން އައިދުވަސްތަކެވެ. ދެމީހުން އެކުގައި ޕާކަށް ގޮސް ހިނގާލައި އުޅެމެވެ. އެހެން އުޅޭއިރު ވަރަށް ގިނައިން ދެމީހަކާއި ބައްދަލުވެއެވެ. އަންހެން މީހާ ލައިގެން ހުންނަނީ އެންމެ އަގުބޮޑު ހެދުމެވެ. ގެންގުޅެނީ އެންމެ އަގުބޮޑު ތަކެއްޗެވެ. ގޮސްއުޅެނީ އަގުބޮޑު ކާރެއްގައެވެ.
އެހެންވެ ހިތަށް އަރައެވެ. "މިއީވާ ހާދަ ނަޞީބު ގަދަ އަންހެނެކެވެ. އެހުންނަނީ ހުރިހާ ބޭނުންތަކެއް ފުދި އިތުރުވެސްވެގެންނެވެ." އެހެންވެ ލޯބިވެރިޔާގެ ހިތުގައި ނުޖެހޭނެ ގޮތަށް ބައެއް ދުވަސްދުވަހު އެވާހަކަ ބުނަންވެސް ބުނެވެއެވެ.
ދުވަސްކޮޅެއްފަހުން އެއް ދުވަހު ފެނުނީ އެއަންހެންކުއްޖާ ގޮނޑިއެއްގައި އެކަނި ރޯން އިންދައެވެ. ލިބުނު ޙައިރާންކަމުގައި ދެމީހުންގޮސް އޭނާގެ ގާތުގައި އިށީނދެ ވާހަކަ ދައްކައިލުމުން ކިޔައިދިނެވެ.
"އަހުރެންގެ ފިރިމީހާއަކީ ތަނަވަސް މީހެކެވެ. އަގުބޮޑު ތަކެތި ހޯދައިދެއެވެ. އަގު ބޮޑު ތަންތަނަށް ގެންގޮސް ކާންދީ ހަދައެވެ. ޗުއްޓީތަކުގައި ބޭރު ޤައުމުތަކަށްވެސް ގެންދެއެވެ. ކައިވެންޏަށް 2 އަހަރުފުރެން އެންމެ ދުވަހަކަށްވެފައިވަނިކޮށް އެނގުނީ އިތުރު 2 އަންހެނުން ދެކެ ލޯބިވެގެން ގެންގުޅޭކަމެވެ. އެ ދެ އަންހެނުންނާއިވެސް ގުޅުންހިންގާކަމެވެ. އަހުރެންގެ ފަރާތުން އެއްވެސް ކުށެއް ނެތި އެގޮތަށް ކަންތައް ކުރުމުން ހިތަށް ކުރިއަސަރު ބޮޑުވެ ކޮންޓްރޯލް ނުކުރެވިގެން ވަކިވީއެވެ. މިޕާކަކީ އަހުރެންގެ މާޒީޢާއިވެސް ގުޅިފައިވާ ޕާކަކަށްވާތީ އައުދެވެނީއެވެ. އެހަނޑާންތައް އައުވުމުން ރޮވެނީއެވެ. އެއީ ޤަބްދުގައި ކުރާ ކަމެއް ނޫނެވެ."
އަހުރެމެން އޭނާއަށް ވަރަށް ހިތްވަރުދިނީމެވެ. އޭނާއަށް ތެދުވެރިވެ ލޯބިން ގެންގުޅޭނެ ފިރިއަކު ހޯދައިދޭން އެހީތެރިވާނެކަމަށްވެސް ބުނީމުއެވެ. އަހުރެންގެ އެއިރުގެ ލޯބިވެރިޔާ، މިހާރުގެ ފިރިމީހާ އޭނާއަށް ވަރަށް ރަނގަޅު ފިރިއަކު ހޯދައިވެސް ދިނެވެ.
އަހުރެން މިވާހަކަކޮޅު ދުނިޔެއަށް ޝެއާމިކުރީ އެންމެ ބޭނުމަކުއެވެ. އެއީ އެދުވަހު ލޯބިވެރިއަކަށްހުރެ ފިރިމީހާ ބުނީ ވަރަށް ތެދަކަށްވާތީ އެބަސްކޮޅު ހާމަކުރުމަށެވެ. ފިރިމީހާ ބުންޏެވެ. "މީހުން ދިރިއުޅޭ އުފާވެރިކަން އެމީހުންގެ ތަނަވަސްކަމުން ނުމިނާށެވެ! މުހިންމީ ތަނަވސްކަމެއް ނޫނެވެ. އެކަކަު ދެކެ ލޯބިވެ އެލޯބި ދެހެއްޓުމެވެ. ވަފާތެރިކަމެވެ. އަނެކާއަށްޓަކައި ޤުރްބާންވުމެވެ. އެއަންހެން މީހާއަށް ލިބިފައިވާ އަގުބޮޑު އެއްޗެތީގެ ވާހަކަ ދައްކާ ދުވަސްދުވަހު ބަހެއް ނުބުނެ ހުންނަނީ ބުނެވޭ ބަހަކުން ތިބާގެ ހިތަށް ނުބައި އަސަރެއްކޮށްފާނެތީއެވެ."
އަހުރެންގެ ފިރިމީހާއަކީ ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް އަހުރެންނަށް އަޅާލައި ލޯބިދިނުމުގައި ނަމޫނާ ފިރިއެކެވެ. އެހެންވެ އަހުރެން މިހުންނަނީ ވަރަށް އުފަލުންނެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކައިން ލިބިދޭ ފިލާވަޅު ބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ. މިފަދަ ޙާދިސާތައް ތަކުރާރުކޮށް ފެންނަމުންދާއިރުވެސް ގިނަ ބައަކަށް ދެވެނީ ތަނަވަސްކަން ފަހަތުންނެވެ. ތެދުވެރި ލޯބީގެ ފަހަތަކުން ނޫނެވެ!
- މިއަދުނޫހުގެ ކިޔުންތެރިއެއް