ރޭގަނޑު ލަހުން ކައިބޮއިހެދުމަކީ ގޮހޮރުގެ ބަލިތައް ޖެހުމުގެ އިތުރުން ޙަޖަމުގެ މައްސަލަތައް ކުރިމަތިވެ އަލްސަރ އުފެދޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ރޭގަނޑު ލަހުން ކައިބޮއިހެދުމަކީ ގޮހޮރުގެ ބަލިތައް ޖެހުމުގެ އިތުރުން ޙަޖަމުގެ މައްސަލަތައް ކުރިމަތިވެ އަލްސަރ އުފެދޭ ކަމެއް!

ރޭގަނޑު ވީހާއަވަކަށް ނިދަންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. މުސްލިމުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ ފަތިސް ނަމާދަށެވެ. ފަތިސްނަމާދުކުރަން ގިނަ ބައަކަށް ނުހޭލެވެނީ ލަހުން ނިދާތީއެވެ. ފަތިސްނަމާދު ނުކުރެވޭނަމަ އެމީހަކަށް އެދުވަހަކު ލިބޭ ގެއްލުންތައް ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. އެއިގެ ތެރޭގައި އެމީހަކު އެދުވަހު ކުރަން ހުންނަ މަސައްކަތުގައި ބަރަކާތް ނުލެއްވެވުމާއި ރިޒުޤް އިތުރުނުވުމާއި އެމީހަކަށް އެދުވަހު ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ނުލިބުންވެސް ހިމެނެއެވެ. 

މިވާހަކަތައް ދެއްކޭލެއް ގިނަކަމުން ބައެއް މީހުން ފޫހިވާނެކަންވެސް އެނގެއެވެ. ނަމަވެސް ތަކުރާރުކޮށް ދައްކަން މިޖެހެނީ ފަތިސްނަމާދުކުރުމުން ލިބޭ ފައިދާއާއި ނުކުރުމުން ލިބޭ ގެއްލުންތައް ބޮޑުކަމުންނެވެ. 

ކޮންމެ މީހަކުވެސް ބޭނުންވާނީ ތަނަވަސްކަމާއި ކުރިއެރުމެވެ. ރިޒުޤް ތަނަވަސްވުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމެވެ. އެކަމަކު އެކަންކަން ލިބިގަންނަން މަސައްކަތް ނުކުރާނަމަ ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ 

އަހުރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ. ޞިއްޙަތަށް ބަލާ ކާފިރުންގެ އަޚްލާޤަޥުރެ ދަށުދަރަޖައަށް ވެއްޓިފައެވެ. އެހެންކަމުން ޢަމަލުތައް އިޞްލާޙް ނުކޮށް ދުނިޔެވެސް އަދި ޢާޚިރަތްވެސް ކާމިޔާބުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ލިޔުމެއް: 

ރޭގަނޑު ލަސްވަންދެން ބާއްވާ ޕާޓީތަކަށް ނުދާ ފިލްމީ ތަރިން އެބަތިއްބެވެ. ރޭގަނޑު، 9 ، 9.30 ގައި ނިދާ ފިލްމީ ތަރިންވެސް އެބަތިއްބެވެ. އެއިގެ ތެރޭގައި އެންމެ މަޝްހޫރު ބައެއް ތަރިންވެސް ހިމެނެއެވެ. އެމީހުންގެ ޞިއްޙީ މައްސަލަތައް މަދެވެ. 

އަދިވެސް ބުނެފާނަމެވެ. ރޭގަނޑުގެ ލަސްވަޤުތުތަކުގައި ކައިބޮއިހެދުމަކީ ޞިއްޙަތަށް އެންމެ ގެއްލުން ހުރި އެއް ކަންތަކެވެ. ރޭގަނޑު ނުނިދައި ހޭލައި ތިބޭނަމަ ނުކެވިއެއް ނުހުންނާނެއެވެ. ނަތީޖާއެއްގެ ގޮހޮރުގެ ބަލިތައް ޖެހެއެވެ. ޙަޖަމުގެ މައްސަލަތައް ކުރިމަތިވެއެވެ. އަލްސަރ އުފެދެއެވެ. 

މިހިރީ ދީނީ ޢިލްމުވެރިން ދައްކަވާ ވާހަކަތަކެއް ނޫނެވެ. މިއީ މުސްލިމުން ނޫން މީހުން ބުނާ ވާހަކަތަކެވެ. އެންމެ މަޝްހޫރު ޑޮކްޓަރުން ބުނާ ވާހަކަތަކެވެ. އެމީހުން އެފަދަ ވާހަކަތައް އެދައްކަނީ އިސްލާމް ދީނުގައި ކަންކަން އޮތްގޮތް އެނގޭތީއެއް ނޫނެވެ. އަދި އިސްލާމް ދީނަށް ނަޞްރުދޭކަށްވެސް ނޫނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރަސޫލް ޞައްލﷲ ޢަލައިހި ވަސައްލަމަ ކަމަކަށް ޙަދީޘްފުޅުކުރައްވަވާފައިވާނަމަ އަހުރެމެންނަށް އޮތީ އިތުރު ބަހަނާތައް ނުދައްކައި އަވަހަށް އެކަމެއް ބަލައިގަތުމެވެ. ރަސޫލް ޞައްލﷲ ޢަލައިހި ވަސައްލަމަ ވަނީ ޢިޝާ ނަމާދަށްފަހު ކޮންމެހެން ހޭލާ ހުންނަން ޖެހޭ ކަމެއްގައި ނޫނީ ހޭލާ ނުހުރުމަށް ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީމާ އަވަހަށް ނިދުމަކީ ސުންނަތެކެވެ. އަޅުކަމެކެވެ. 

ވީހާ އަވަހަކަށް ނިދަން އަމުރުފުޅު ކުރައްވަވާފައި އޮތް އާޔަތެއް ޤުރްއާނުން ނުފެނިދާނެއެވެ. ނަމަވެސް ފަތިސްނަމާދުކުރަންޖެހޭކަން ޤުރްއާނުން އެނގޭނެއެވެ. ފަތިސްނަމާދުކުރެވެން މިއޮތީ ފަތިހު ހޭލައިގެންނެވެ. ފަތިހު ހޭލެވެން މިއަންނަނީ އަވަހަށް ނިދައިގެންނެވެ. އެހެންކަމަށްވާއިރު އަވަހަށް ނިދަން ޤުރްއާނުގައި ނެތްކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ޤޢުރްއާނުގެ ފައިދާކުރާނީ ކިޔަވާ އެއްޗަކާއިމެދު ވިސްނައި ފިކުރުކުރުމުންނެވެ. ވީމާ އަހުރެމެންގެ ވިސްނުން ބަދަލުކުރަން އެބަޖެހެއެވެ. ދިރިއުޅުމުގެ ހުރިހާ ކަންކަން ދީނުގައިވާ ގޮތަށް ބަދަލުކުރަން އެބަޖެހެއެވެ. އެހެން ނޫންނަމަ ޤުރްއާން ކިވައިގެން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން