ކޮންމެ ކަމަކަށް ބޭނުންވެގެންވެސް ދުޢާކުރަން އެންމެ ފައިދާހުރި މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކޮންމެ ކަމަކަށް ބޭނުންވެގެންވެސް ދުޢާކުރަން އެންމެ ފައިދާހުރި މަގު-

ކޮންމެ ކަމަކަށް ބޭނުންވެގެންވެސް ފުރަތަމަ ކަމަކަށް އޮތީ ނުވަތަ ފުރަތަމަ ކުރަން އޮތްކަމަކީ ދުޢާކުރުމެވެ. ވިސްނާލަން އޮތްކަމަކީ އެންމެ ފައިދާހުރި ގޮތަށް ދުޢާކުރަން ޢަމަލުކުރަން އޮތް ގޮތެވެ. ހިތާމައަކީ ގިނަ ބައަކު އެކަންކަމަސް ނުވިސްނައި ދުޢާކުރާކަމެވެ.  

ކައިވެނި ނުކުރެވި ލަސްވާނަމަވެސް، މާލީ ދަތިކަމެއް ކުރިމަތިވިނަމަވެސް، ވަޒިފާއެއް ލިބުން ލަސްވި ނަމަވެސް އަދި ތިމާއަށް ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް އެކަމެއް ހިންމަވައިދެއްވެވުން އަވަސްކޮށްދެއްވެވުން އެދި ދުޢާކުރަމުއެވެ. އަދި ތިމާއަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަށް މީސްތަކުންގެ ކިބައިންވެސް އެދެމުއެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ދުޢާކުރެއްވެވި އެއްކަމަކީ ތެދުމަގުދެއްކެވުމެވެ. ޙައްޤުމަގު އެނގިވަޑައިގަތުން ފަސޭހަފުޅުކޮށްދެއްވެވުމެވެ. މާނައީ ހިދާޔަތު ދައްކަވައި ދެއްވެވުމެވެ.  

އެއިރުން ހިމެނިގެން އެދަނީ ހަމައެކަނި އެމީހާގެ އަމިއްލަ ބޭނުންތަކެއް ނޫނެވެ. އެމީހާއަށް ދުނިޔެއާއި އާޚިރަތުގައި ފައިދާކުރާނެ މަގެވެ.  

މީސްތަކުންނޭވެ! ތިމާއަށް ބޭނުންވެގެން ހުންނަ ކަންކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރާއިރު ތިމާއަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުން ކޮބައިހެއްޔެވެ؟ އެންމެ ކުޑަމިނުން ފަރުޟު ނަމާދުތަކަށް ރައްކައުތެރިވެވޭހެއްޔެވެ؟ ފަތިސްނަމާދު ކުރެވޭ ހެއްޔެވެ؟  

މީސްތަކުންނޭވެ! ފުރަތަމަ ކަމަކަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރާށެވެ! ކުރަންޖެހޭ ކުރުން ފަސޭހަކޮށްދެއްވެވުން އެދި ދުޢާކުރާށެވެ! އެއަށްފަހު ތިމާއަށް ބޭނުންވާ ކަންކަމަށް އެދޭށެވެ. ދުނިޔެއިން ބޭނުންވާ ކަންކަން ޙާޞިލްކުރުން ފަސޭހަކޮށްދެއްވެވުން އެދިގެން ދުޢާކުރާށެވެ. އެއިރުން އެމީހަކަށް ހުރިހާ ކަމެއްވެސް ފަސޭހަކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން