ކުދިންނަށް ހަޅޭލަވައި އަޑުގަދަކޮށް ބަސްބުނުމަކީ ކުދިންގެ ކިޔެވުމަށާ ކާމިޔާބީއަށް އަސަރުކުރާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
ކުދިންނަށް ހަޅޭލަވައި އަޑުގަދަކޮށް ބަސްބުނުމަކީ ކުދިންގެ ކިޔެވުމަށާ ކާމިޔާބީއަށް އަސަރުކުރާ ކަމެއް!

އަޅުގަނޑުމެންގެ ބައްޕައަކީ މަންމަނެއް ފަދަ މީހެކެވެ. ބަހެއް ބުނާނީ ވަރަށް މަދުންނެވެ. އެހެންވެ ދަރިން ތަރުބިއްޔަތުކުރުމުގައި ބަސްބުނެ ޒިންމާ އުފުލަނީ މަންމައެވެ. އެހެންވެ އޯވަލޯޑްވެފައި ހުންނާތީނަމަވެސް މަންމަގެ އަޑު ތާޅަފިޔެކޭ އެއްގޮތެވެ. ކިތަންމެ ކުޑަކަމެއް ދިމާވިޔަސް ބަސްބުނާނީ ވަރަށް ބާރަށެވެ!   

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ބުނެފައިވާ ވާހަކަކޮޅެކެވެ. އޭނާގެ ކަންބޮޑުވުމެކެވެ. އެހެންވެ ކިޔުންތެރިންނަށް މިގެނެސްދެނީ އެގޮތަށް ދަރިންނަށް އަޑުގަދަކޮށް ބަސްބުނީމާ ކުރިމަތިވާނެ މައްސަލަތައް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ    

ޢާންމު ގޮތެއްގައި ވަރަށް ގިނަ ކުޑަކުދިންގެ ހަޔާތުގައިވެސް ދިމާވާ އެއްކަމަކީ އެކުދިންގެ ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ބެލެނިވެރިން އެއްޗިހިކިޔާ ނުވަތަ އަޑު އުފުލާކަމެވެ.  މިއީ ވަރަށް ނުރައްކާ ކަމެކެވެ. ކުދިންނާ ދިމާއަށް ހަޅޭއްލަވަނީ ކީއްވެގެން ކަމާއި ހަޅޭއްލަވައިގަތުމުން ދަރިންނަށް އަސަރުކުރާނެ ގޮތް އެނގުމަކީ ކޮންމެ ބެލެނިވެރިޔަކަށްވެސް މުހިއްމު ކަމެކެވެ. 

"ރުޅި އަންނައިރު މީހުން ހަޅޭއްލަވާ. އެއީ އެމީހުންގެ މިޒާޖު އެކަމަށް އާދަވެފައިވާތީ." ހާވަޑް މެޑިކަލް ސްކޫލްގެ ނަފްސާނީ ފަރުވާގެ އިންސްޓްރަކްޓަރެއް ކަމަށްވާ ޖޯސެފް ޝްރެންޑް، ފާހަގަކުރެއެވެ. ޑރ.ޝްރެންޑް ފާހަގަކުރާ ގޮތުގައި ރުޅިވެރިކަން އިހުސާސް ކުރުމަކީ ގޯހެއް ނޫނެވެ. ނަމަވެސް އެ ރުޅިވެރިކަމާއެކު ބެލެނިވެރިން އަމަލުކުރާގޮތް ވަރަށް މުހިއްމެވެ.  

ރުޅިވެރިކަމަކީ، ބައެއް ކަންކަމުގައި ވިސްނުން ތަފާތުވާ ފަހަރަކު ނުވަތަ ބޭނުންކަމެއް ނުވާހާހިނދަކު އިހުސާސް ކުރެވޭ އާންމު ޖަޒުބާތެކެވެ. ގިނަފަހަރަށް ދަރިފުޅު ކަމެއް ކުރުން ހުއްޓާލަން އުޅުމުން ނުވަތަ ބެލެނިވެރިން ބޭނުންނުވާ ކަމެއް އެކުދިން ކުރަން ފެށުމަށް ރުޅި އާދެވެއެވެ.  

ދަރިންނަށް ހަޅޭއްލަވައިގަތުމުން ހަގީގަތުގައި ވާގޮތާއި، އެކަން ހުއްޓާލަން ޖެހެނީ ކީއްވެގެން ކަމާއި، އޭގެ ބަދަލުގައި ކުރާނެ ކަންތައްތައް ބެލެނިވެރިންނަށް އެނގުން މުހިއްމެވެ.  އަދި، ހަނދާންކޮށްދިނުމުގެ ގޮތުން، ގިނައިން ހަޅޭއްލަވާ ނުވަތަ ޖަޒުބާތުތައް ވަކިހަމައެއްގައި ގެންގުޅެން ދަތިވާނަމަ، ޑޮކްޓަރަކަށް ދައްކައިގެންވިޔަސް އެކަން ރަނގަޅު ކުރުން އެދެވިގެން ވެއެވެ. ގިނައިން ހަޅޭއްލަވައިގަތުމާއި، ރުޅިގަދަވުމާއި، އިމޯޝަން މެނޭޖްކުރަން ދަތިވުން ފަދަ ސުލޫކުތަކަށް ބެލެނިވެރިންވެސް ސަމާލުވާން ޖެހެއެވެ. ބެލެނިވެރިކަމަކީ ގަބޫލުކުރަން ދަތި އަދި ގޮންޖެހުންތަކެއް ހުރި ކަމެކެވެ. 

ހަޅޭއްލަވައިގަތުމަކީ އޭނާގެ ނަފުސުގައި ހުރި ރުޅިވެރިކަން އެހެން މީހަކަށް ބާލާލުމެވެ. އެއީ ފައިދާހުރި ގޮތެއް ނޫނެވެ. " ކްލިނިކަލް ސައިކޮލޮޖިސްޓެއް އަދި ލިޔުންތެރިއެއް ކަމަށްވާ ޑރ.ލޯރާ މާކަމް ފާހަގަކުރެއެވެ. ޑރ.މާކަމް ވިދާޅުވާ ގޮތުގައި ހަޅޭއްލަވާ ވަގުތު ކުދިން ބިރުގަންނަކަމަށާއި އެވަގުތު މާރާމާރީއެއް ހިންގުން ނުވަތަ އަމިއްލަ ނަފުސަށް އަނިޔާއެއް ދިނުމަށްވެސް ފަހަތަކަށް ނުޖެހެއެވެ. އެވަގުތު ސިކުނޑީގެ އުނގެނުމުގެ ބައިތައް މުޅިންހެން ބަންދުވެއެވެ. 

އެވަގުތުގައި ސިކުނޑިއަށް ވިސްނެނީ ކުއްޖާ ނުރައްކާތެރި ކަމެއް ތަޖުރިބާ ކުރުމުން ދިމާވާ ފިޒިއޮލޮޖިކަލް ރިއެކްޝަނެކެވެ. އެގޮތުން ދަރިފުޅަށް ހަޅޭއްލަވާއިރު ސިކުނޑި ބުނެދެމުންދާނީ  މި ބޮޑު މީހާ އެމީހުންނަށް ހަޅޭއްލަވައިގަތުމަކީ ނުރައްކަލެއް ކަމަށާއި ރައްކާތެރިކަމާއި ދިފާއުގައި ކަމެއް ކުރަން ޖެހޭ ކަމެވެ. 

ސުލްހަވެރިކަމާއިއެކު ހަމަޖެހިލައިގެން މުއާމަލާތް ކުރުމަކީ ކުއްޖާއަށް ރައްކާތެރިކަން އިހުސާސްކޮށްދީ، ދެވޭ ނަސޭހަތް މާ ބޮޑަށް އެކުއްޖާއަށް ގަބޫލުކުރެވޭ ކަމެއް،" ޑރ.މާކަމް ވިދާޅުވެއެވެ. 

ދިރާސާތަކުން ދައްކާ ގޮތުގައި ބެލެނިވެރިން ހަޅޭއް ލެވުމުން އެކުދިންނަކީ ހާސްކަން އިތުރުވެ، ޑިޕްރެޝަންގެ މިންވަރު އިތުރުވާ ކުދިންނެވެ. ހަޅޭއްލެވުމަކީ ހަމަގައިމުވެސް، ދުވަހަކުވެސް ކުދިން ހިތްހަމަޖެހޭ ނޫނެވެ. ހަޅޭއްލެވުމުން ކުދިންނަށް ގިނަ ދުވަހު ދިގުދެމިގެންދާ ނެގެޓިވިޓީގެ ޖަޒުބާތުތައް އުފެދެއެވެ. 

ކުދިންނާ ދިމާއަށް ހަޅޭއްލެވުމަކީ ތިމާއާއި ދަރިފުޅާއި ދެމެދު ޚިލާފުވެ، ބެލެނިވެރިންގެ އެހީ ނެތް ކަމުގެ އިހުސާސް ކުރެވޭނެ ކަމެކެވެ. އަދި ގުޅުން ކެނޑިފައިވާ ކަމުގެ އިހުސާސް ކުދިންނަށް ކުރެވެއެވެ. 

ދިރާސާތަކުން ދައްކާގޮތުގައި ހަޅޭއްލެވުމަކީ ކުޑަކުދިންނަށް ޖިސްމާނީ އަދަބު ދިނުމާ އެއްފަދަ އަސަރެއް ކުރާ ކަމެކެވެ. އަދި ބަހުގެ ހަމަލާތަކާއި ގިނައިން ހަޅޭއްލަވައިހެދުމަކީ ކުޑަކުއްޖެއްގެ ސިކުނޑި ތަރައްގީވާ ގޮތަށް ބަދަލު އަތުވެދާނެ ކަމެކެވެ. އެއިރުން ކުދިންގެ ކިޔެވުމަށާއި ކާމިޔާބީއަށް އަސަރުކުރެއެވެ.

 

 

 

މިއަދު އޮންލައިން