ދަރިންގެ ދިރިއުޅުން ހަލާކުކޮށްލުވުމުގެ އިތުރުން ދަރިން ނަރަކައަށް ފޮނުވާ މައިންބަފައިން އަންނަނީ ގިނަވަމުން! ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ދަރިންގެ ދިރިއުޅުން ހަލާކުކޮށްލުވުމުގެ އިތުރުން ދަރިން ނަރަކައަށް ފޮނުވާ މައިންބަފައިން އަންނަނީ ގިނަވަމުން! ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

ރުހުނަސް ނުރުހުނަސް، ޤަބޫލުކުރަން ބޭނުންވިޔަސް ނުވިޔަސް އެއީ ކުޑަކުދިންކަމަށްވުމުން ކައިވެނިކުރަން ޢުމުރުހަމަނުވާތީ އެކުދިންނަކީ ކުޑަކުދިން ކަމުގައި ދެކެމުން ދެލޯބިވެރިން އެކުގައި ނިދަން އެބަހުއްދަދެއެވެ. ހުއްދަދެމުން މިބުނަނީ ގޯސްކަމެއް ނުކުރައްޗެވެ. މިއީ އެކުދިންނަށް މީރުވެގެން ނުލިބިފައިތިބި ޗޮކްލެޓެއް ފަދަ އެއްޗެއް އަތަށް ދީފައި ނުކާށެވެ ބުނުން ފަދަ ކަމެއް ނޫން ހެއްޔެވެ؟ 

މިހެން ބުނަން މިޖެހެނީ ޢުމުރު ހަމަނުވާތީ ކައިވެނިކުރަން ދެކޮޅުހަދާފައި ދެލޯބިވެރިން އެކުގައި ތަންތަނަށް ފޮނުވާތީއެވެ. ދަތުރުވެސް ފޮނުވާތީއެވެ. ދޮރުތަޅުލައިގެން ގޭގެ ކޮޓަރީގައި ތިބެންވެސް ހުއްދަދޭތީއެވެ. 

އަހުރެން ހިތަށް އަރަނީ އެކުދިން އެދޫކޮށްލެވެނީ ގޮނޑުދޮށަށް ވެލިން ގެހަދައި ވެއްޔާކުޅެންހެއްޔެވެ؟ ދޮރުތަޅުލައިގެން ދެކުދިން ކުރާނީ ކުޑަކުދިން ކުރާ ޒާތުގެ ކަންތައް ހެއްޔެވެ؟ އެވަރު ހަމަ މައިންބަފައިންނަށް ނުވިސްނެނީހެއްޔެވެ؟ އަހުރެންނަށް ވިސްނޭ ގޮތުން އެއީ ކުޑަކުއްޖެއްގެ އަތަށް ބަޑިއެއް ދީފައި މީހެއްގެ ގައަށް ވަޒަން ނާރާނެ ގޮތަށް ބަޑިޖަހަން ބުނުން ފަދަ ކަމެކެވެ. 

އަހުރެންނަށް ފާހަގަކުރެވޭ ގޮތުން މިފަދަ ފުރުޞަތުތައް ދަރިންނަށް ދެނީ އަޚްލާޤީ ގޮތުން ވަރަށް ދަށުދަރަޖައިގެ ބެލެނިވެރިންނެވެ. ދަރިން ޒިނޭކުރިޔަސް އެއީ މައްސަލައެއް ކަމަށް ޤަބޫލުނުކުރާ ބެލެނިވެރިންނެވެ. އަދި އެމީހުންނަކީ ވެސް ޒިނޭކުރަން ބިރުގަންނަ، ނުވަތަ ޒިނޭ ނުކުރާނެ ބައެއް ކަމަށް ޤަބޫލުކުރަން އުނދަގުލެވެ. 

ޤުރްއާނުގައި އޮތީ ޒިނޭއާއި ކައިރިވެސް ނުވުމަށެވެ. އެއިގެ މާނައަކީ ޒިނޭ ކުރަން މަގުފަހިވެދާނެ އެއްވެސް ކަމެއް ނުކުރުމެވެ. އެފަދަ ކަމަކާއި ކައިރިވެސް ނުވުމެވެ. މިހައި ހަރުކަށިކޮށް އަމުރުފުޅު އޮއްވައި ދަރިންނަށް އެފަދަ ފުރުޞަތުތައް ދޭންހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އެއީ ﷲ ތަޢާލާ ބިރުވެތިވާ އަދި ދަރިން ދެކެ ލޯބިވާ ބެލެނިވެރިން ކުރާނެ ކަމެއް ނޫނެވެ. 

ދަރިން ލޯބިވެއްޖެ ނަމަ ލޯބިވެރިޔާ އާއިއެކު ނިދަން، ބޭރަށްގޮސް އުޅެން ދޫކޮށްލެވިފައިވާ މުޖުތަމަޢުތަކުގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާށެވެ. ކުދިން ބަލިވެއިންނަ މިންވަރަށާ ދަރިވައްޓަންޖެހޭ ނިޞްބަތަށް ބަލާށެވެ. ޖިންސީ ގުޅުން ހިންގުމުން ގައިގައަށް އަރާ ބަލިތައް ޖެހޭ ޢަދަދަށްވެސް ބަލާށެވެ! 

ލޯބިވެގެން އުޅެން އިސްލާމްދީން ހުއްދަ ނުކުރަނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ. އެދެމީހުންގެ ޝައިޠޯނާ ވަދެ ބޮޑެތި ފާފަތައް ކުރުވާނެތީއެވެ. ނުބައި ހުރިހާ ޢަމަލުތަކެއް ޒީނަތްތެރިކޮށްފައި ދައްކައިގެން ސިކުނޑިތަކަށް ސަވާރުވާނެތީއެވެ. މިކަންކަން ނުއެނގޭ ބެލެނިވެރިންނެއް ނުތިބޭނެއެވެ. ވީމާ އަހުރެމެންނަށް، މުސްލިމުންނަށް އޮތީ މިކަންކަމަށް ހޭލުންތެރިވުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދަރިން ތަރުބިއްޔަތުކުރަން މަސައްކަތް ކުރުމެވެ. އަންހެން ދަރިން ރަނގަޅު ގޮތުގައި ބަލައިބޮޑުކުރުމުން ދެއްވަވަން އޮތް މަތިވެރި ޘަވާބު ލިބިގަންނަން މަސައްކަތްކުރުމެވެ. އެއީ ސުވަރުގެއެވެ. އެހެނީ އެކުދިން ވާހުށީ ނަރަކައާއި ބެލެނިވެރިންނާއި ދެމެދަށް ހުރަސްކުރެވޭ އައްޑަނައަކަށްކަން އެނގެން އެބައޮތެވެ.

 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން