އެކަމަކަށް އެދިގެން ކޮންމެ ދުވަހަކު ދުޢާކުރުން އެންމެ މުހިންމު ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
އެކަމަކަށް އެދިގެން ކޮންމެ ދުވަހަކު ދުޢާކުރުން އެންމެ މުހިންމު ކަންތައް!

ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދިގެން އަހުރެމެން ދުޢާކުރަމުއެވެ. ގިނަ ބައަކަށް ވިސްނިފައި އޮންނަނީ އެވަރުން ފުދޭނެ ކަމަށެވެ. ނަމަވެސް އެވަރަކުން ފުދޭކަށް ނެތެވެ. އެހެންވެ ނަޞީޙަތުގެ ބަސްކޮޅެއް ބުނެލަން މަސައްކަތް މިކުރަނީ ކޮންމެ ދުވަހަކު ދެއިރު ދުޢާކުރަން ސުންނަތުން އެނގެން އޮތް ކަމެއްގެ މައްޗަށެވެ. 

ވިސްނައިލާށެވެ! ޝައިޠާނާއަށްވުރެވެސް އަމިއްލަ ނަފްސުގެ ނުބައިކަން މާބޮޑުކަމަށް ބުނެވިދާނެއެވެ. އަމިއްލަ ނަފްސް ކަމަކަށް އެދޭނަމަ ދެން ވާނެ ގޮތާއިމެދު ވިސްނާށެވެ! އެންމެ ފުރަތަމަ ތިމާ ކުރަން ޖެހޭ ޖިހާދަކީ އަމިއްލަ ނަފްސާއި ދެކޮޅަށް ކުރަން ޖެހޭ ޖިހާދެވެ. ނަފްސް ކިތަންމެ ވަރަކަށް އެދުނު ނަމަވެސް ފާފައެއް ނުކޮށް ހުންނަން ކުރަން ޖެހޭ ޖިހާދެވެ. 

އެ ޖިހާދު ކާމިޔާބުވުން ޖިހާދުކުރަން އުސް ފަރުބަދައަކަށް އަރަން ޖެހުނު ނަމަވެސް އަރައިގެންނެވެ. މާނައަކީ ނަފްސާއި ދެކޮޅަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމުގެ ހިތްވަރު ނުލިބި ތިމާއަށް ސަލާމަތްކަމެއް ނެތް ކަމެވެ. 

ނަފްސާއި ދެކޮޅަށް ކުރަން ޖެހޭ ޖިހާދު ކާމިޔާބު ކުރެވޭނީ ތިމާގެ އައްޑަނައިންނެވެ. އެ އައްޑަނަ ﷲ ތަޢާލާ ވަނީ އަހަރެމެން ކޮންމެ މީހަކަށް ދެއްވަވައިފައެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ކޮންމެ ތަނެއްގައި ހުރެ ފާފައެއް ކުރި ނަމަވެސް ﷲ ތަޢާލާ ވަގުތުން ބައްލަވައިވޮޑިގެންވާކަން ހިތުގައި ބާއްވައިގެން ނޫނީ އައްޑަނައިން ދިފާޢެއް ނުކުރެވޭނެއެވެ. 

ފާފަތަކުން ސަލާމަތްވެހުރުމަށް ކުރަން އެންމެ މުހިންމު އެއްކަމަކީ ހެނދުނާއި ހަވީރު އެމީހެއްގެ ނަފަސުގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުމެވެ. 

ފާފަ ކުރުން ހުއްޓާލަން ބޭނުންވި ނަމަވެސް ބައެއް މީހުންނަށް ފާފަކުރުން ހުއްޓައި ނުލެވެނީ އެމީހާގެ ނަފުސުގެ ނުބައިކަމުންނެވެ. ހުއްޓައި ނުލުމަށް ނަފުސު ބާރުއަޅާތީއެވެ. ބައެއް މީހުންނަށް ފާފަކުރުން ހުއްޓައި ލެވުނު ނަމަވެސް އަލުން ފާފަކުރަން ފެށެނީވެސް ހަމަ އެމީހާގެ ނަފުސުގެ ސަބަބުންނެވެ. ފާފަ ކުރަން ތިމާގެ އަމިއްލަ ނަފުސް ބާރުއަޅާތީއެވެ. 

ރަސޫލް () އަކީ ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވެވި އެންމެ ޠޯހިރު ނަފްސެވެ. އެހެންކަމާއިއެކުވެސް ނަފްސް ޠޯހިރުކޮށްދެއްވެވުން އެދިވަޑައިގެން ރަސޫލް () ގެންދެވީ ދުޢާ ތަކުރާރުކުރައްވަވަމުންނެވެ. ނަފްސް ޠޯހިރުކޮށްދެއްވެވުން އެދިވަޑައިގެން ހެނދުނާއި ހަވީރު ދުޢާ ކުރައްވަމުން ގެންދެވުމަށް ރަސޫލް () އަބޫބަކުރުގެފާނަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. ވީއިރު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

އިންސާނާގެ ނަފްސް އުފައްދަވާފައިވަނީ ފާފަކުރަން ދަހިވެތިވުމުގެ ބައަކާއިއެކުގައެވެ. ވީމާ ނަފްސް ދާނީ ނަފްސް އެދޭ ކަންކަން ކުރަން ބުނަމުންނެވެ. އެކަމަށް ވިސްނައި ހޭލުންތެރިވެ ނަފްސް އެދޭހައި ކަންކަން ނުކުރުމަކީ އެމީހެއްގެ ކަމެކެވެ. އެކަމަށް މަސައްކަތްކުރާ މީހާއަށް އެކަމުގެ ބާރު ދެއްވަވާނެތެވެ. އަހަރެމެނަށް އޮތީ އެކަމަށް އެދި ދުޢާކުރަމުން ގެންދިއުމެވެ.

 

- ޝައިޚް ޙަސަން ޢަލީގެ ދަރުސަކުން

 

މިއަދު އޮންލައިން