ތިމާއަށް ﷲ ތަޢާލާގެ ޙަޟްރަތުން ރުހިވޮޑިގަތުން ލިބިފައިވާކަން އެނގެން ބޭނުންވާނަމަ ނިކަން މިކަންކަމަސް ވިސްނާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ތިމާއަށް ﷲ ތަޢާލާގެ ޙަޟްރަތުން ރުހިވޮޑިގަތުން ލިބިފައިވާކަން އެނގެން ބޭނުންވާނަމަ ނިކަން މިކަންކަމަސް ވިސްނާލަބަލަ!

ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މީހުން ދެނެވޮޑިގަތުންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެހެން އެއްވެސް މީހަކަށް ނުއެނގޭނެއެވެ. ވީމާ މިވެނި މީހަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މީހެއްކަމަށް ނުވަތަ ނޫންކަމަށް ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.

ނަމަވެސް ތިމާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ މީހަކު ކަމުގައިވޭތޯ އަމިއްލައަށް ވިސްނައިލެވިދާނެއެވެ. އެގޮތުން ވިސްނައިލެވިދާނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. މިކަންކަމުން އެއްޗެއް ބުނަން އެނގޭނީ އެމީހަކަށެވެ. އެހެން މީހުންނަކަށް ނުއެނގޭނެއެވެ. އެހެނީ ދެއްކުންތެރިކަމުގެ ގޮތުންވެސް ނުވަތަ ދުނިޔަވީ މަންފާއެއްގެ ބޭނުމުގައިވެސް މިކަންކަން މީހަކުކޮށްފާނެއެވެ. ވީމާ އެމިހެއްގެ ނިޔަތް އެނގޭނީ ﷲ ތަޢާލާ ފިޔަވައި އެމީހަކަށް އެކަންޏެވެ.

1 ތިމާއަށް އެންމެ ބޮޑަށް ސަމާލުކަން ދެވެނީ ކޮން ކަންތައްތަކެއް ކުރަންހެއްޔެވެ؟

ފުރަތަމަ ކަމަކަށް ތިމާއަށް އެންމެ ބޮޑަށް ސަމާލުކަން ދެވެނީ ކޮން ކަންތައްތަކެއްކުރަން ކަމާއިމެދު ވިސްނައިލާށެވެ. އެންމެ ބޮޑަށް ފަރުވާ ބަހައްޓައިގެން ކުރެވެނީ އަދި އެންމެ ބޮޑަށް ކުރާހިތްވަނީ ކޮން ކަންކަމެއް ކަމާއިމެދު ވިސްނައިލާށެވެ.

މިސާލަކަށް:

--ސޯޝަލް މީޑިއާ ބަލަނީއެވެ. ކުރެވެނީ ﷲ ތަޢާލާ އާއި ކުއްތަންވެވޭނެ ޢަމަލުތައް ހެއްޔެވެ؟ އަޑު އެހެނީ ދީނީ ދަރުސްތައް ހެއްޔެވެ؟ ހޯދެނީ ދީނީ ކަންކަމުގެ މައުލޫމާތު ހެއްޔެވެ؟

--ނަމާދަށް ބަންގިގޮވާއިރު މިސްކިތުގައި ހުންނަން ޝައުޤުވެރިވެވޭ ހެއްޔެވެ؟ ނޫންނަމަ ބަންގީގެ އަޑު އިވުމުން ކުރަންހުރި އެހެން ހުރިހާ ކަންކަން ބަހައްޓާފައި ނަމާދަށްދާން ޝައުޤުވެރިވެވޭ ހެއްޔެވެ؟

--މިސްކިތުގައި ވަގުތު ހޭދަކުރަން ޝައުޤުވެރިވެވޭ ހެއްޔެވެ؟

--ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ފެނުމުން އިސް ތިރިކުރެވޭހެއްޔެވެ؟ އެކަމަސް ނުރުހެވޭ ހެއްޔެވެ؟

--ޤުރްއާން ކިޔަވައި އަދި އުނގެނެން ޝައުޤުވެރިވެވޭހެއްޔެވެ؟

--މުސްލިމް އެހެން އަޚަކަށް މުޞީބާތެއް ކުރިމަތިވެގެން އުޅޭނަމަ ހިތްދަތިވެވޭ ހެއްޔެވެ؟

--މައިންބަފައިންނަށް ހެޔޮކޮށްހިތޭހެއްޔެވެ؟

--އައުރަ ނިވާކުރަންޖެހޭ ގޮތަށް ނިވާކުރެވޭ ހެއްޔެވެ؟

--ހެޔޮލަފާ މީހުންނާއިއެކުގައި އުޅޭހިތްވޭހެއްޔެވެ؟ ނުބައި ނުލަފާ މީހުންނާއި ދުރުހެލިވާން ބާނުންވޭހެއްޔެވެ؟

އަދި ފަރުޟު އަޅުކަމުގެ އިތުރުން ސުންނަތް އަޅުކަންކުރާހިތްވެ، ސުންނަތް ރޯދަހިފާހިތްވެ ދަމުނަމާދުކުރާހިތްވާނަމަ އެއީ ވެސް ﷲ ތަޢާލާ ތިބާ އާއިމެދު ރުހިވޮޑިގެންވާކަން ޤަބޫލުކުރެވިދާނެ ހެކިތަކެވެ.

--ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

މިއަދު އޮންލައިން